ހާލިދާ ޒިއާގެ ސެކިއުރިޓީ މަތިކޮށް ބަންގްލަދޭޝްގެ އެލީޓް ޓީމު ނެރެފިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގައި ތިން ދައުރު ފުރިހަމަކޮށްފައިވާ އެ ގައުމުގެ ސިޔާސީ މަޝްރަހުގައި ބާރުގަދަ އެއް ފަރާތް ކަމަށްވާ ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ދެރަވެ އެ ގައުމުގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ވަނީ ފަރުވާދޭން ފަށައިފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ހާލިދާ ޒިއާގެ ސަލާމަތީކަންކަން ވަރުގަދަކުރުމަށް އެ ހޮސްޕިޓަލު ހިމެނޭ ސަރަހައްދަށް އެ ގައުމުގެ އެލީޓް ސްޕެޝަލް ސެކިއުރިޓީ ފޯސް ފޮނުވައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ހާލިދާ ޒިއާގެ ހާލުކޮޅު ދެރަވެ ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ހާލިދާއަށް ފަރުވާ ދިނުމަށް ޔޫކޭގެ ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ވަނީ ބަންގްލަދޭޝްގައި ހަރަކާތްތެރިވާން ފަށައިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑޮކްޓަރުންނާ ހަވާލާދީ ބަންގްލަދޭޝްގެ ނޫސްތަކުން ވަނީ ހާލިދާ އިތުރުފަރުވާ އަށް ގައުމުން ބޭރަން ގެންދިއުމުގެ ކަންކަމުގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެކަމަށް ބުނެފައެވެ.

އިންޑިއާއިން ވަނީ އެ ގައުމުން އެކަމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑީއާއިން ހާލިދާއަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެކަމަށް ވިދާޅުވެފައެވެ.