ދައުލަތުގެ އާމްދަނީ އިތުރުވެ، ޑެފިސިޓް ކުޑަވެ، މަޝްރޫއުތަކާއި އިޖުތިމާއީ ޕްރޮގްރާމްތަކަށް ކުރާ އިންވެސްޓްމަންޓްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހުގެ 20ގެ ނިޔަލަށް ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 30.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 9.5 ޕަސަންޓުގެ އިތުރުވުމެކެވެ. ޖުމުލަ ހަރަދުތައް ވަނީ 12.6 ޕަސަންޓު ދަށްވެ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 40.1 ބިލިއަން ރުފިޔާއިން 35.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން، މި މުއްދަތުގެ އޯވަރޯލް ޑެފިސިޓް ވަނީ މިދިޔަ އަހަރުގެ 9.5 ބިލިއަން ރުފިޔާއިން 1.5 ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ. މިއީ ގާތްގަނޑަކަށް 84 ޕަސަންޓުގެ ދަށްވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ޓެކްސް އާމްދަނީއާއި ޓެކްސް ނޫން އާމްދަނީވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފައެވެ. ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 8.5 ޕަސަންޓު އިތުރުވެ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 23.3 ބިލިއަން ރުފިޔާއިން 25.2 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މައިގަނޑު ގޮތެއްގައި ޖީއެސްޓީ އިތުރުވުމުގެ ސަބަބުންނެވެ.
އެގޮތުން ޖުމްލަ ޖީއެސްޓީގެ އާމްދަނީ ވަނީ 12 ޕަސަންޓު އިތުރުވެ، 12.2 ބިލިއަން ރުފިޔާއިން 13.7 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ޓީޖީއެސްޓީ ވަނީ 14.2 ޕަސަންޓު އިތުރުވެ 9.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ގްރީން ޓެކުހުގެ އާމްދަނީ ވަނީ ދެގުނައަށް ނުވަތަ 107 ޕަސަންޓު އިތުރުވެ 914 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ޑިޕާޗާ ޓެކްސް ވަނީ 60 ޕަސަންޓު އިތުރުވެ 988.3 މިލިއަން ރުފިޔާއިން 1.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އެގޮތުން، އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބޭ އާމްދަނީ 150 ޕަސަންޓު އިތުރުވެ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ރިސޯޓު ބިމު ކުލި 2.1 ޕަސްންޓު އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ޓެކްސް ނޫން އާމްދަނީ ވަނީ 17.6 ޕަސަންޓު އިތުރުވެ 6.8 ބިލިއަން ރުފިޔާއިން 8 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 75.2 ޕަސަންޓު ލިބިފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައެވެ. އަދި 23.9 ޕަސަންޓު ލިބިފައިވަނީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައެވެ. މިދިޔަ މަހުގެ 20 ގެ ނިޔަލަށް، މި އަހަރަށް ލަފާކުރި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 39.8 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 84 ޕަސަންޓު ވަނީ މިހާތަނަށް ދައުލަތަށް ލިބިފައެވެ.
ހަރަދުތަކަށް ބަލާއިރު، ސަރުކާރުން ދަނީ ޖުމުލަ ހަރަދުތައް ކުޑަކޮށް، އަސާސީ ހިދުމަތްތަކާއި މަޝްރޫއުތަކަށް އިސްކަންދެމުންނެވެ. ރިކަރަންޓް ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު ކުޑަ މިންވަރަކަށް އިތުރުވެ، 29.2 ބިލިއަން ރުފިޔާއިން 30.0 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން، މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރާ ހަރަދުތައް ވަނީ 6.6 ޕަސަންޓު އިތުރުވެ 11.3 ބިލިއަން ރުފިޔާއިން 12.1 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ ޕޭ ހާމަނައިޒޭޝަން ފަދަ ސިޔާސަތުތަކާއި މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން އިތުރުވި އިތުރުވުމެކެވެ. ކެޕިޓަލް ހަރަދުތައް ވަނީ 53.7 ޕަސަންޓު ދަށްވެ، 10 ބިލިއަން ރުފިޔާއިން ފަސް ބިލިއަން ރުފިޔާއަށް ކުޑަވެފައެވެ.
ސަރުކާރުން މުހިންމު ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި މުސާރަ ހަމަހަމަކުރުމުގެ ސިޔާސަތު މިދިޔަ މަހުން ފެށިގެން ތަންފީޒްކުރަން ފެށުމާ ގުޅިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް އޯވަރޯލް ބެލެންސް ޑެފިސިޓެއް ދައްކާފައިވީ ނަމަވެސް، މި އަހަރުގެ ފުރަތަމަ 40 ހަފުތާގައި ބެލެންސް ހުރީ ސާޕްލަސްއެއްގައެވެ. މިދިޔަ މަހުގެ 20 ގެ ނިޔަލަށް، އޯވަރޯލް ބެލެންސް ހުރީ 1.5 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ޑެފިސިޓް ހުރީ 2.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް