ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ހާއްސާ ހަފްލާއެއް ބާސެލޯ ނަސަންދުރައުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްއަށް 15، 20، 30 އަދި 40 އަހަރު ހިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕަސަން އަހުމަދު އަލީ ހަބީބާއި ބޯޑު މެންބަރުންނެވެ. މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ.
މީގެ އިތުރުން ބީއެމްއެލަށް 40 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު ހަސަން ޝާމަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ. އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފަށްވެސް ވަނީ އެވޯޑެއް ދީފައެވެ.
އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރެވޭ ވަގުތުތަކާއި އެ މުވައްޒަފުންގެ ހުނަރާ އަދި ހާއްސަކޮށް އެ މުއައްސަސާއެއްގެ "މިޝަން" ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން ކަމަށެވެ.
"އެހެންކަމުން މި ބޭންކު (ބީއެމްއެލް) މިއަދު ކާމިޔާބުކަމާއެކު މި ހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަ ބޭފުޅުން. އެހެންކަމުން ތިޔަކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ބޭންކުގެ ބޯޑާއި މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ޝަރީފް ވިދާޅުވިއެވެ.
މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ ގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން "އޭޝިއާސް ބެސްޓް އެމްޕްލޯޔަރު ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ގިނަ އަހަރުތަކެއްގައި ބީއެމްއެލަށް ލިބިފައިވެއެވެ. އެ ބޭންކަކީ 99 ޕަސަންޓު ދިވެހި މުވައްޒަފުންނާއެކު ހިންގާ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދޭ މުއައްސަސާއެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް