އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން، ސަރުކާރުގެ ފަރާތުން ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައި ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަތޮޅު ކައުންސިލްގެ ރައީސާ އެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
ނަމަވެސް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ވަނީ އެކަން ކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ.
އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވިގެންދާނެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.
ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމި ތިބޭނެ ކަމަށެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން އަތޮޅު ކައުންސިލުތައް އުވިގެންދާނެ އެވެ.
މަޖިލީހުގައި ބަހުސް ކުރުމަށްފަހު، މަޖިލީހުން ބިލް ފާސްކުރީ، އެދުވަހު ޖަލްސާގައި ތިއްބެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޝުޖާ ހުށަހެޅުއްވި ބިލްގައި އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް (ގޮނޑި ގެއްލުވާލުމުގެ ބާރު ރައްޔިތުންނަށް ދޭން) ވެސް ހިމަނާފައި އޮތެވެ.
ނަމަވެސް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކި ކުރެވޭނީ، އެ މެންބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.
އެ ވޯޓުން މެންބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެންބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެއެވެ.
މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.
މި އިސްލާހުތައް ހުށަހަޅާފައި އޮތީ މިބިލްގެ އެއްވަނަ މާއްދަގެ ގޮތުގައެވެ.
ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވީ އެ މާއްދާ އުނިކޮށްފައެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ މިހާރު އޮތް ޕީއެންސީ މެޖޯރިޓީން މިދިޔަ އަހަރުއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު