މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓޮރޯލަރު މުހައްމަދު ޝަމްއާން މުހައްމަދު ވަހީދުއާ އެކު ހައްޔަރުކުރި މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި ދެ މަސް ދުވަހަށް ޖަލަށްލުމަށާއި 45،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ދައުލަތުން އަލްސަންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް އެ ދައުވާކޮށްފައިވަނީ އިމިގްރޭޝަންގެ އޮފިސަރެއްގެ މަގާމުގައިހުރެ މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުގެ ރޭ 11:30 އެހާކަންހާއިރު، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމެންޓަށް އެނގުމެއްނެތި އަދި ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް އިމިގްރޭޝަންގެ އިތުރު މުވައްޒަފުންތަކަކާއެކު ފަރީދީމަގުގައި ހުންނަ މ. އޯރްމަންގޭގެ ގްރައުންޑް ފްލޯއަށް ގޮސް، ދޮރުގައި ޓަކި ޖެހުމަށްފަހު "އިމިގްރޭޝަން ޗެކް" އަކަށް އައީކަމަށް ބުނެ، އެގޭ ތެރެއަށް ވަދެ ގެ ބަލައިފާސްކޮށް ހަދައި، އޭގެތެރޭ ފޮޓޯ ނަގާފައިވާތީއެވެ.
އެ ދައުވާއަށް އަލްސަން އެންމެ ފުރަތަމަ ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް މައްސަލައިގެ އިބްތިދާއީ މަރުލަހާ ނިމިފައިވަނިކޮށް، އަލްސަންއާއި ޕްރޮސިކިއުޓާ ޖެނެރަލްއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި ކޯޓަށް ހުށަހަޅާފައިވެއެވެ. އެ އެއްބަސްވުމާ ގުޅޭގޮތުން ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވާކަމަށް އަލްސަން ބުނެފައިވެއެވެ.
އަލްސަލްއާއި ޕްރޮސިކިއުޓާ ޖެނެރަލްއާއެކު ވެފައިވާ އެއްބަސްވުން ބަލައިގަތުމަށް ޝަރީއަތުންވަނީ ނިންމައިފައެެވެ. އެހެންވެ އަލްސަންގެ މައްޗަށްކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާ ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ.
އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ދައުވާއާ ގުޅިގެން އަލްސަންގެ މައްޗަށް އަންނަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެ އަދަބުގެ ތެރެއިން ދެ މަހާއި ތިން ދުވަހުގެ މުއްދަތަކީ ޖަލު އަދަބު ކަމަށާއި އަދަބުގެ ބާކީ 45،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަލްސަންއާއި ޕްރޮސިކިއުޓާ ޖެނެރަލްއާ ދެމެދު ހެދި އިއުތިރާފުގެ އެއްބަސްވުމުގައިވަނީ ވަނީ އެއްބަސްވެފައެވެ.
އެއްބަސްވުމުގައިވާ ގޮތުން އަލްސަން ދެ މަހާއި ތިން ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތުގެ ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެއެވެ.
އެހެންވެ ކުރިމިނަލް ކޯޓުން ހުކުމްކުރީ އަލްސަން ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އެ އަދަބުގެ ތެރެއިން ދެ މަހާއި ތިން ދުވަހުގެ މުއްދަތަކީ އަލްސަންގެ މައްޗަށް ކަނޑައެޅޭ އަދަބު ކަމަށާއި މި މައްސަލައާ ގުޅިގެން އަލްސަން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ ތެެރެއިން އުނިކުރުމުން އަލްސަން ތަންފީޒުކުރަންޖެހޭނެ ޖަލު އަދަބެއް ނެތް ކަމަށެވެ.
ނަމަވެސް ހުކުމުގެ ބާކީ 45،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި އަލްސަން ދައްކަން ޖެހޭނެކަމަށް ހުކުމްކުރިއެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އިބްރާހިމް އިހުސާންއެވެ.
މުހައްމަދު އިޝާން
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް