ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ދިވެހި ފިރިހެނަކާއި ބިދޭސީ އަންހެނުންތަކެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާގެ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނެކެވެ.

  • ހުސައިން ސޮލާހު، 40، ކިއުބާ، ރ. ރަސްގެތީމު
  • ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ 40އ
  • ޑިލްޑޯރާ އެގަމްނަޒޮވާރާ 31އ
  • ޝަހުޒޮޑަހޮން ރުސްތަމޯވާ 28އ
  • އުމިޑަބޮނޫ ނެމަޓޯ 34އ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށާއި އޭގެ ތެރެއިން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ އެ ޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 ޑޮލަރާއި 18،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ސޮލާހާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަސް އަދި އަނެއް ތިން އަންހެނުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.