އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު ސްރީ ލަންކާގެ ރެސްކިއު ހެލިކޮޕްޓަރެއް ވެއްޓިއްޖެއެވެ.

ލަންކާއަށް އަރާފައިވާ ބާރުގަދަ ތޫފާނުގައި އެގައުމުގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގެ ހުރިހާ މުވައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރެސްކިއު އޮޕަރޭޝަންތަކުގައި އެގައުމުގެ އެއާފޯސްގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުން އަންނަ އިރު، މިއަދުގެ ވަގުތެއްގައި ވަނީ އެއާފޯސްގެ ހެލިކޮޕްޓަރެއް އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން އުޅެނިކޮށް ވެއްޓިފައެވެ.

ބެލް 212 މަރުކާގެ އެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ ލަންކާގެ ވެނައްޕުވާ ސަރަހައްދަށް ކަަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އޭގެން ދަތުރުކުރި އެކަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މަރުވެފައިވަނީ ހެލިކޮޕްޓަރު ދުއްވި ޕައިލެޓް ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ އެ ހާދިސާ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށާއި އިމަޖެންސީ ޓީމުތައް ވެސް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވެއްޓުނު ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވި އެންމެންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.