ހޮންކޮންގައި ރޯވި ޓަވަރުތަކުގެ މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށްފިއެވެ.

ހޮންކޮންގެ ޓާއޯ ޕޯ ޑިސްޓްރިކްޓުގައި ހުންނަ އެޕާޓްމަންޓް ބިލްޑިންގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ރޯވި އަލިފާންގަނޑުގެ މައްސަލައިގައި މީގެ ކުރިން ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، ހޮންކޮންގެ ފުލުހުން ވަނީ އިއްޔެ އިތުރު އަށް މީހަކު ހައްޔަރުކޮށްފައެވެ.

އަށް ޓަވަރު ހިމެނޭ އެކޮމްޕްލެކްސްގެ އެއްވެސް ޓަވަރެއްގައި އަލިފާން އެލާމް ސިސްޓަމް ހުރި ނަމަވެސް އެއްވެސް ސިސްޓަމެއް މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހޮންކޮންގެ ފަޔާ ސާވިސް އިން ވަނީ އެއިމާރާތްތަކުގައި ސަލާމަތީ ކަންކަން ހުރިގޮތް ބަލައި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ އެންމެނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މިހާރު ކުރިޔަށްދާ ތަހުގީގަށް ފުލުހުން އިއްޔެ އަށް މީހަކު ހައްޔަރުކޮށްފައިވާ އިރު ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 11 އަށް އަރައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި އެއިމާރާތް މަރާމާތު ކުރުމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އެކުންފުނިތަކުން ބައެއް މަސައްކަތް ދީފައިވާ އެހެން ކުންފުނިތަކުގެ މީހުން ހިމެނެއެވެ.

ހޮންކޮންގެ އެޕާޓްމަންޓް ކޮމްޕްލެކްސްގައި ރޯވި ހާދިސާގައި މަރުވި މީހުންގެ އަދަދު 128 އަށް އަރާފައިވާ އިރު، 200 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ވަނީ އެހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް ވަގުތީ ހިޔާ ފޯރުކޮށްދޭން ޖެހުނު އިރު، އަނިޔާވެގެން ވެސް ގިނަ ބަޔަކަށް ފަރުވާދެމުން އަންނަ ކަމަށް ބުނެފައެވެ.