އަންނަ ރޯދަމަހުގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއްގެ މަސައްކަތް ނިމި، ހުޅުވިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒާއި، މިސްކިތަކާއި އިސްލާމީ ކުތުބުހަނާއަކާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވާފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މަސައްކަތްކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް. މިގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫއުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރަމަޟާން މަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހުޅުވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

"މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް ދޭއްގެ މިސްކިތްތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް ދޭއްގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެެސް ޑިސެންބަރު މަހު ފެށިގެންދާނެ"

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުންކަމަށް ރައީސް ވިދާޅުވިއެވެ.