ސްރީލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނާގޮތުގައި ބޭ އޮފް ބެންގަލް އިން ސްރީލަންކާއަށް މިސްރާބު ޖަހާފައިވާ ކޮޅިގަނޑު ބާދުގަދަވެ ތޫފާނަކަށް ވަނީ ބަދަލުވެފައެވެ.

''ޑިޓްވާ'' ނަމުން ނަންދީފައިވާ އެ ތޫފާން، ލަންކާގެ ދެކުނުގެ ސަރަހައްދުން އަރާފައިވާ އިރު، ތޫފާނުގެ ސަބަބުން ވައިބާރުވެ ބޯކޮށް ވާރޭވެހެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނީ ވިއްސާރައިގެ ސަބަބުން ހިނގާފައިވާ އެކި ހާދިސާތަކުގައި މިހާތަނަށް 47 މީހުން މަރުވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެގައުމުގެ ހަތް ޑިސްޓްރިކްޓަކަށް ރަތް ސަމާލު ނެރެ، ރެސްކިއު ޓިމުތަކުން ތައްޔާރީ ހާލަތެއްގައި ތިބުމަށް އަންގައިފައެވެ.

ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއް ހިނގާނެކަމަށް ބެލެވޭތީ، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ދިއިރުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވެސް ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އަންގައިފައެވެ.