ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ހަރަދުތައް ބައްޓަން ކޮށްފައިވާތީ، ހަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު ހުރީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އައީ ފާހަގަކުރަމުންނެވެ. މިގޮތަށް ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހިފައި އޮތް އޮތުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ދައުލަތުގެ ރަސްމީ ރިޒާވް ފަހުގެ ތާރީހެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެގެން ދިއުމެވެ. އެ ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށައިފައެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައިވާ ގޮތުން ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
އޭގެ އިތުރުން، މިދިޔަ އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ސިޔާސަތުތަކާއެކު މިމަހުގެ ނުވައެއްގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ ބަޔާނުގައި ވަނީ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި ދިހަ ޕަސަންޓުން ވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 7.2 ޕަސަންޓު ވަނީ ކުރިއަރައިފައެވެ.
އަންނަ އަހަރުން ފެށިގެން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމައިފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވައިފައެވެ.
ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީއޭއޭ2 ގެ ރޭޓިން ދަމަހައްޓާފައިވީ ނަމަވެސް، އަންނަ އަހަރު މެޗުއާ ވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ވަނީ ރާވައިފައެވެ.
ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިން ހޯދޭ މިންވަރު ދަށްވެފައިވާކަމަށް މީގެ ކުރިން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރޭޓިން އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ގައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިން ހޯދާފައިވާކަމާއި ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިން ހޯދުމުގެ ގާބިލުކަން ދައްކައިދީފައިވާކަމަށް މޫޑީޒްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ގައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެއް ކަމަށް ފާހަގަކުރެއެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް، ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާ ގޮތުގެ މަތިން ކަމަށެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް