އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއުށް ބޭނުންވާ ލޯނު ދޫކުރަނީ ރާއްޖޭގެ ގަވާއިދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުގެ ތެރެއިން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިމަހުގެ ހަ ވަނަ ދުވަހު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. އެއީ 53 ކުންފުންޏަކަށް ހަވާލުކުރި 206 މަަޝްރޫއުއެކެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް އެ ކުންފުނިތަކަށް ބީއެމްއެލުން ބޭންކިން ގާނޫނާ ހިލާފަށް ލޯނު ދޫކުރާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އެ ތުހުމަތުތަކާ ގުޅިގެން ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް އެ ކުންފުނިތަކަށް ލޯނު ދޫކުރަނީ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސައްހަ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކަތަކެއް ވެސް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
"ބޭންކުން ލޯނު ދޫކުރަމުން ދާނީ އަދި ކުރިޔަށް އޮތްތާގައި ލޯނު ދޫކުރަމުން ދާނީވެސް ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންނެވެ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުން ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭފަދަ ގޮތަކަށް ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް