ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހޮލިސްޓިކް މެންޓަލް ހެލްތު ފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއަކީ ސަރުކާރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގައި ބަލަހައްޓާނީ އެޗްޑީސީންނެވެ. އަދި މިއަދުން ފެށިގެން، ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެ މަސައްކަތުގައި ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން ރީބްރޭންޑިން މަޝްރޫއުގެ ސަބަބުން، މިހާރު ވެސް ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.