ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއާލައިން ޓިކެޓް ވިއްކުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ" ހާން އެއާ" އާއެކު، ޓިކެޓް ވިއްކުމުގެ އެއްބަސްވުމެއް މޯލްޑިވިއަން އިން ހަދައިފިއެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ހާން އެއާ އާއެކު ހެދި އެ އެއްބަސްވުމުގެ ސަބަބުން މޯލްޑިވިއަންގެ ޓިކެޓް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސޭހަކަމާއެކު ލިބިގެން ދިޔުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. ހާން އެއާ އަކީ 350 އެއާލައިނަކާ އެކު ޕާޓްނަޝިޕް ހަދައި، ޓިކެޓް ވިއްކުމުގެ ވަރަށް ފުޅާ ނެޓްވޯކެއް އޮންނަ ކުންފުންޏެއް ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

އެއާއެކު މޯލްޑިވިއަންގެ ޓިކެޓު 190 މާކެޓެއްގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނަށް ފަސޭހައިން ނެގެން ހުންނާނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

އެއްބަސްވުމުގެ ދަށުން މޯލްޑިވިއަންގެ ޓިކެޓު މައިގަނޑު ހުރިހާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ތަކެއްގައި ހާން އެއާގެ އެކްސް1 މެދުވެރިކޮށް ލިބެން ހުންނާނެކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

ހާން އެއާ އާއެކު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މޯލްޑިވިއަންގެ ޓިކެޓް ވިއްކުމުގެ ގާބިލުކަން އިތުރުވެ، އެ އެއާލައިންގެ ރަސްމީ ވެބްސައިޓް އަދި އެހެނިހެން ސީދާ ޓިކެޓު ވިއްކާ ވަސީލަތްތައް ނެތް މާކެޓްތަކަށްވެސް ފުޅާވެގެންދާނެކަން މޯލްޑިވިއަންއިން ފާހަގަކުރިއެވެ.