ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ ހަރަކާތް އިފުތިތާހުކޮށް, ރާއްޖޭގެ ދިފާއީ ވުޒާރާއާއެކު ތަމްރީން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިއެމްސީޓީސީ އާއި ރާއްޖޭގެ ދިފާއީ ވުޒާރާއާއެކު ސޮއިކުރި އެއްބަސްވުމަކީ އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމާއި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެއް ކަމަސް ދިފާއީ ވުޒާރާއިން ބުނެއެވެ.

ނަސަންދުރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކުރީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ގާބިލުކަން އަދި ސައިބާގެ ހަރަކާތްތަކެވެ.

24 ނޮވެމްބަރު 2025: އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ތަމްރީން ދިނުމަށް ނިންމައި ސޮއިކުރި ރަސްމިއްޔާތުގައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުގައިދީ --- ވަންފޮޓޯ/ ހަމްދާން އަހުމަދު

"ކޮމްޕިޓެންސް" އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާއިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކޮށް، ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް ދަސްކޮށްދިނުން ކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.

ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމާއެކު ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް ދަސްކޮށްދިނުން ކަމަށް ދިފާއީ ވުޒާރާއިން ބުންޏެވެ.

ރާއްޖެއާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕަށް ތައުރީފުކުރައްވައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, އިފުތިތާހު ކުރި ދެ އިނީޝިއޭޓިވް އާއެކު މެންބަރު ގައުމުތަކުގެ ގާބިލުކަން ބިނާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

24 ނޮވެމަބަރު 2025: އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ތަމްރީން ދިނުމަށް ނިންމައި ސޮއިކުރި ރަސްމިއްޔާތު --- ވަންފޮޓޯ/ ހަމްދާން އަހުމަދު

އައިއެމްސީޓީސީއިން 2025 ވަނަ އަހަރު އަންދާޒާކުރާ ނަތީޖާ އަކީ 15 ސްޓްރެޓީޖިކް އިނީޝިއޭޓިވްސް، 90 ޓްރެއިނިން ޕްރޮގްރާމް، 4،600 އަށް ވުރެ ގިނަ ޓްރެއިނީން، އެއީ 15 މެންބަރު ގައުމަކަށް ކަމަށާއި އެ ޓްރެއިން ޕްރޮގްރާމްތައް ކުރިޔަށްގެންދަން ނިންމާފައިވަނީ ތިން ހަފުތާގެ މަސައްކަތާއި 15 ދުވަހުގެ ޓްރެއިނިންއާއެކު ދުވާލަކު ހަތް ގަޑިއިރުގެ ތާވަލަކަށް ކަމަށް އައިއެމްސީޓީސީން ބުންޏެވެ.

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ, އެ އެއްބަސްވުމުން ހާމަކޮށްދެނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ އާއި އައިއެމްސީޓީސީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ.

24 ނޮވެމްބަރު 2025: އައިއެމްސީޓީސީން ރާއްޖޭގައި އަސްކަރީ ތަމްރީން ދިނުމަށް ނިންމައި ސޮއިކުރި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން --- ވަންފޮޓޯ/ ހަމްދާން އަހުމަދު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވަނީ އައިއެމްސީޓީސީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އިހުސާން ވިދާޅުވީ ކަނޑުގެ ނުފޫޒު އޮތް ކުޑަ ގައުމެއްގެ ހައިސިއްޔަތުން، މި ފުރުސަތުތަކުގެ ސަބަބުން ގައުމީ ފެންވަރަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

"ޔޫއޭއީގައި ހުންނަ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ދިވެހި ސިފައިން ހިދުމަތްކޮށް، ތަޖުރިބާ ހޯއްދަވައި، ގައުމީ ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. މިކަމުގެ ސަބަބުން ކައުންޓާ ޓެރަރިޒަމް އެނަލިސިސް އާއި، އޮޕަރޭޝަނަލް އަންޑަސްޓޭންޑިންއާއި ސަރަހައްދީ އެއްބާރުލުމާއި ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ." މިނިސްޓަރު ވިދާޅުވިއެވެ.