ނަސްރުގެ ދުވަހު ކޮންމެ ދިވެހި ރައްޔިތަކުވެސް ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހަސަން ރަޝީދު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތޯބުގައެވެ.
މި ހިތޯބުގައި މިނިސްޓަރު ވަނީ 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި އަބުތޯލުންގެ ޒިކުރާ އާ ކުރައްވައިފައެވެ.
އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ދުވަހެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ ތެރެއިން މަދުބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ދިން އެ ހަމަލާއަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ނަގައިލުމަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. އަދި ދުޝްމަނުންގެ ރަހުމެއް ނެތް ހަމަލާތަކުން ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަހަމްކޮށްލި ހިތާމަވެރި ހާދިސާ މިނިސްޓަރުގެ ހިތޯބުގައިވަނީ ހަނދާން އާ ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ، ނަސްރުގެ ދުވަހު ލިބިގަންނަންވީ އެންމެ މުހިންމު ފިލާވަޅަކީ ދިވެހި ގައުމު އިސްކުރުމުގެ ފިލާވަޅު ކަމަށެވެ. އެ ދުވަހު ދީނާއި ގައުމަށްޓަކައި ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަމަށާއި އެ ބޭފުޅުންނަށްޓަކައި ތާއަބަދު މި ގައުމު ފަހުރުވެރިވާނެ ކަމަށް ވިދާޅުވިއެވެ.
"އެ ބޭފުޅުން ފުރާނައިން ގުރުބާންވެގެން ހިމާޔަތްކޮށްދެއްވީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު. އެބޭފުޅުންނަށް ޓަކައި ތާއަބަދު މި ގައުމު ފަހިރުވެރިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ވާން ޖެހޭނީ ގައުމުގެ ދުޝްމަނުންނާއި ހާއިނުންގެ ނުބައި ރޭވުންތަކުން ގައުމު ސަލާމަތްކުރުމުގައި އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ބަޔަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންމެ މީހަކީވެސް ދީނާއި ގައުމުދެކެ ލޯބިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ދިވެހިންގެ ތެރެއިން ބަޔަކު ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ނަސްރު ލިބުމާ ގުޅިގެންނެވެ. އެ ހާދިސާގައި ދިވެހި ސިފައިންގެ އަށް ބޭކަލަކާއި އާންމު ރައްޔިތުންގެ 11 މީހުން ޝަހީދުވިއެވެ.
އަލީ ޔާމިން
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ކޮމެންޓް