ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް (އެމްއެލްބީބީ) IV އަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ދިރާގުން ހުޅުވާލާފައިވާ އެ މުބާރާތަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ތިންވަނަ ދުވަހެވެ.

ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް އެމްއެލްބީބީގެ އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މުބާރަތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމުލަ 10،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފައެވެ.

ދިރާގުން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް dgg.mv މެދުވެރިކޮށް ރަޖިސްޓަރީކުރެވޭނެ ކަމަށެވެ.

ޑީޖީޖީން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ގޭމިން މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ކާމިޔާބުކަމާއެކު މިއަހަރު ބާއްވައިފައެވެ. އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ޑީޖީޖީ މެދުވެރިކޮށް ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.