އިންޑިއާ ސިނަމާގެ ލެޖެންޑަރީ އެކްޓަރު ދަރްމެންދްރާ، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި ދަރްމެންދްރާ މަރުވެފައިވާ އިރު، މިދިިޔަ ހަފުތާގައި ނޭވާލާ ނިޒާމުގެ މައްސަލަތަކާ ގުޅިގެން މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
ހިންދީ ސިނަމާގެ "ހީ މޭން" ގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ދަރްމެންދްރާ ދިޔައީ 1960 ގެ އަހަރުތަކުން ފެށިގެން މަގުބޫލުކަން ހޯދަމުންނެވެ. އޭނާ 250 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އިރު، އޭގެ ތެރޭގައި "ޝޯލޭ"، "ފޫލް އޯރް ޕައްތަރް"، "ސަތިޔަކަމް"، "ޗުޕްކޭ ޗުޕްކޭ"، "ސީތާ އޯރް ގީތާ"، "ޔާދޯން ކީ ބާރާތް"، "ލޯފާ"، "ބްލެކްމެއިލް" އަދި "ޖުގްނޫ" ފަދަ އިންޑިއާގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ.
ޕަންޖާބުގެ ނަސްރާލީގައި 1935 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އުފަންވެފައިވާ ދަރްމެންދްރާ ފިލްމީ ދާއިރާއަށް ނުކުތީ 1960 ވަނަ އަހަރު "ދިލް ބީ ތޭރާ ހަމް ބީ ތޭރޭ" އާއެކުއެވެ. އަދި ހަ އަހަރު ފަހުން "ފޫލް އޯރް ޕައްތަރް" އިން ތަރިއަކަށް ވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ މޭކަށި ފަޅައިގެން ދައްކާލި މަންޒަރުން "ހީ މޭން" ގެ ނަމުން މަޝްހޫރުވެގެންދިޔައެވެ.
އެއަށްފަހު ވެސް ދަރްމެންދްރަގެ ފިލްމުތައް ވަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން "ސަތިޔަކަމް" އާއި "ޗުޕްކޭ ޗުޕްކޭ" އާއި "ޝޯލޭ" ގެ ފާހަގަކޮށްލެވެއެވެ. އަމީތާބް ބައްޗަން ވެސް ފެނިގެންދިޔަ "ޝޯލޭ" ގައި ދަރްމެންދްރާ ކުޅުނީ ވީރުގެ ރޯލެވެ.
"ދަ ބާނިންގް ޓްރެއިން"، "އާޒާދު"، "ރާޖްޕޫތު"، "ބަޓްވާރާ" އަދި "ހަތިޔާރު" ފަދަ އެކްޝަން އަދި ގިނަ ތަރިން ހިމެނޭ ފިލްމުތަކުން 1990 ގެ ފަހުކޮޅު ވެސް ދަރްމެންދްރާ މަޝްހޫރުކަން ދެމެހެއްޓުމަށްފަހު، މަޑުމަޑުން އޭނާ ބައްޕައެއްގެ އަދި ކެރެކްޓާ ރޯލުތަކަށް ބަދަލުވަމުން ދިޔައެވެ.
އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދަރްމެންދްރަ ވަނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ވިޖަޔަތާ ފިލްމްސް ވެސް އުފައްދައިފައެވެ. އެ ކުންފުނިން ވަނީ 1983 ވަނަ އަހަރުގެ ބްލޮކްބަސްޓާ "ބޭތާބް" އުފައްދައި، ދަރްމެންދްރާގެ ދަރިފުޅު ސަނީ ޑިއޯލް ފިލްމީ ދާއިރާއަށް ތައާރަފުކޮށްފައެވެ.
ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ދަރްމެންދުރާ ކައިވެނިކުރީ ޕްރަކާޝް ކައުރާ އެވެ. އެ ދެމަފިރިންނަށް ހަތަރު ކުދިން ލިބުނެވެ. އޭގެ ތެރޭގައި އެކްޓަރުން ކަމަށްވާ ސަނީ އަދި ބޮބީ ޑިއޯލް ހިމެނެއެވެ. އޭގެ ފަހުން ދަރްމެންދްރަ ވަނީ އޭނާއާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރި ހެމާ މާލިނީއާ 1980 ވަނަ އަހަރު ކައިވެނިކޮށްފައެވެ. އެ ދެމީހުންނަށް ދެ އަންހެން ދަރިން ލިބުނެވެ. އެއީ އީޝާ އަދި އަހާނާ ޑިއޯލް އެވެ.
އެކްޓިންގެ އިތުރުން، ދަރްމެންދްރާ ވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެ، 2004 އިން 2009 އާ ދެމެދު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭގެ ފަހުން އޭނާ އެނބުރި ފިލްމީ ދާއިރާއަށް އައިސް "އަޕްނޭ"، "ޔަމްލާ ޕަގްލާ ދީވާނާ"، އަދި އެ ފިލްމުގެ ސީކްއެލްތަކުގައި ހަރަކާތްތެރިވިއެވެ. އެ ފިލްމުތަކުން އޭނާގެ ދެ ދަރިން، ސަނީ އަދި ބޮބީ ވެސް ފެނިގެންދިޔައެވެ.
ދަރްމެންދްރާއަށް އިންޑިއާގެ އެންމެ މަތީ ދަރަޖައިގެ އެވޯޑުތަކުގެ ތެރެއިން "ޕަދްމާ ބޫޝަން" ލިބިފައިވާ އިރު، 1997 ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ލިބިފައިވެއެވެ.
ދަރްމެންދްރާ މަރުވުމުން ތައުޒިޔާ ވިދާޅުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރްމެންދްރާ މަރުވުމަކީ އިންޑިއާގެ ސިނަމާގެ ރަން ޒަމާނަކަށް ނިމުމެއް އައުން ކަމަށެވެ. އަދި ދަރްމެންދްރާގެ އެކްޓިންއަށް ވެސް މޯދީ ތައުރީފު ކުރެއްވިއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް