ސްޓެލްކޯއިން އަންހެނުންނަށް ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ބިގިނާސް އިލެކްޓްރިޝަން ކޯސް ފޯ ވިމެން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.

އެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާއެވެ.

ސްޓެލްކޯއިން ބުނީ އެ ކޯސް ކުރިއަށްގެންދިޔައީ 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށާއި ހަތް ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ކޯހުގައި 116 އަންހެނުން ކޯސް ފުރިހަމަކުރި ކަމަށެވެެ.

އެ ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވީ ސްޓެލްކޯގައި ތިބި އިލްމާއި ހުނަރުގެ ގޮތުން އެ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި އެ ކޯހުގެ މަގުސަދަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުން ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެ މަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

24 ނޮވެމްބަރު 2025: ސްޓެލްކޯއިން ހިންގި ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުން --- ފޮޓޯ/ ސްޓެލްކޯ

އެ ކޯހުގެ ބައިވެރިންނަށް އުނގަންނައިދިން ބައިތަކުގެ ތެރޭގައި:

  • ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މައުލޫމާތާއި އަމަލީގޮތުން އެކަން ކުރާނެ ގޮތް
  • ވަޔަރު ކުރުމަށް ބޭނުންވާ ސާމާނު
  • އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މައުލޫމާތު
  • ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުން
  • ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް
  • ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް
  • ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ފަށާ ފެންވަރުގެ މައުލޫމާތާއި މަސައްކަތާއި ހުނަރަށް ހާއްސަކޮށްގެން އެ ކޯސް ފަރުމާކުރެވިފައި އޮތުމަކީ ބޮޑު ބަދަލަކަށް އުންމީދު ކުރެވޭ، ތަސައްވަރު ކުރެވޭ ކަމެއް ކަމަށެވެ.

"މި ކޯސް ހާއްސަކުރެވިފައި މިވަނީ އަންހެނުންނަށް. ކޯހުގެ މައިގަނޑު މަގުސަދެއް ކަމަށް ކަނޑައެޅިފައިމިވަނީ، ގޭތެރޭގައި ހައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ހައްލުކުރެވޭނެ މަގު ފަހިކުރުން،" އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ އިޖުތިމާއީ، ރަސްމީ ހިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާ ބައެއް ކަމަށްވުމުން، އަންހެނުންނަށް އެފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަގީންވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަމާހު ވިދާޅުވީ ހާއްސަކޮށް ފިރިހެނުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް ކަނބަލުން ތަމްރީނުކުރުމަކީ އޭގެ ސަބަބުން، ވަރަށް އެދެވޭ ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމެއްކަން ޔަގީން ކަމަށެވެ.

އެގޮތުން ކަނބަލުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުސަތު ލިބިގެންދިއުމާއި، އަދި މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާއި ކަނބަލުންނަށް އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެދެވިގެންވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ޝަމާހު ވިދާޅުވިއެވެ.