ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަނަންޔާ ޕަންޑޭއާއި ކާރްތިކް އާރްޔަން ފެނިގެންދާ ރޮމޭންޓިކް ފިލްމު "ތޫ މޭރީ މެއި ތޭރާ މެއި ތޭރީ ތޫ މޭރާ" ގެ ޓްރެއިލާ ނެރެފިއެވެ. މި ޓްރެއިލާ ނެރެފައިވަނީ ކާރްތިކް އާރްޔަންގެ 35 ވަނަ އުފަންދުވަހާ ދިމާކޮށެވެ.

އަނަންޔާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ޓްރެއިލާ ހިއްސާކުރަމުން، ކާރްތިކްގެ ކެރެކްޓަރ "ރޭ" އަށް އުފަންދުވަހުގެ ހެޔޮއެދުން ފޮނުވައިފައެވެ. މި ފިލްމުގައި އަނަންޔާގެ ކެރެކްޓަރުގެ ނަމަކީ "ރޫމީ" ކަން މި ޓްރެއިލާއިން އެނގެއެވެ.

"އިފް ޔޫ އާ ގޯއިން ޓު ލިވް އަނަދާ ވީކް، ލިވް ދަ ބެސްޓް ވީކް އޮފް ޔޯ ލައިފް" މި މޮޓޯގެ ދަށުން، ތަފާތު ދެ މިޒާޖުގެ ދެ ކެރެކްޓަރުން އެކުގައި ކުރާ ހިތްގައިމު ދަތުރެއްގެ ތެރެއިން ފެށޭ ލޯބީގެ ވާހަކައެއް މި ފިލްމުން ދައްކުވައިދެއެވެ. ޑައިރެކްޓަރު، ސަމީރު ވިދްވާންސްގެ މި ފިލްމު އުފައްދާފައިވަނީ ދަރްމާ ޕްރޮޑަކްޝަންސް އާއި ނަމާ ޕިކްޗާސް ގުޅިގެންނެވެ. ފިލްމުގެ މިޔުޒިކް ހަދާފައިވަނީ މަޝްހޫރު މިޔުޒިކް ޑައިރެކްޓަރުން، ވިޝާލް އަދި ޝޭކަރް އެވެ.

https://www.youtube.com/watch?v=tunE9m6Capc

ޓްރެއިލާގައި ކާރްތިކް އޭނާގެ ބާރުގަދަ ހަށިގަނޑު ދައްކާލައި، 2025 ގެ ޒަމާނީ "ހުކް-އަޕް" ކަލްޗަރުގެ ތެރެއިން 90ގެ އަހަރުތަކުގެ ލޯބީގެ ގުޅުމަކަށް އޭނާ އެދޭ މަންޒަރު ފެނިގެންދެއެވެ. މީގެ އިތުރުން، ފެމިނިޒަމްއާ ގުޅޭގޮތުން އެ ދެމީހުންގެ މެދުގައި ހިޔާލު ތަފާތުވާ މަންޒަރުތަކާއި، ބޮޑެތި ޑާންސް ނަންބަރުތަކާއި، ބޭރުގެ ރީތި މަންޒަރުތައް ވެސް ޓްރެއިލާގައި ހިމެނެ އެވެ. ޖެލީފިޝްއެއް ދެމީހުންގެ ތެރެއިން އެކެއްގެ ގައިގައި ދަތްއަޅައިގެން ހިނގާ ކޮމެޑީ މަންޒަރެއް ވެސް ފެނެއެވެ.

މި ފިލްމު ނެރޭ ތާރީހު ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހަށް އަވަސްކޮށްފައެވެ.