ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން އިޓަލީގެ ޕްރައިވެޓް އެއާލައިނެއް ކަމަށްވާ, ނިއޯސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

އެމްއޭސީއެލުން ބުނީ އާ ޓާމިނަލުން ނިއޯސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު, މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު އެވެ.

23 ނޮވެމްބަރު 2025: ވީއައިއޭގެ އާ ޓާމިނަލުން ނިއޯސްއަށް ހިދުމަތް ދޭން ފެށުން --- ފޮޓޯ/ އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި ނިއޯސްގެ ގްރައުންޑް އޮޕަރޭޝަންގެ ޑިރެކްޓަރު ޑަމިއާނޯ ރޮސޯ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ނިއޯސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 341 ފަސިންޖަރުންނަށް ހަދިޔާ ދިނެވެ. އަދި އާ ޓާމިނަލަށް ކައިރި ކުރި ނިއޯސްގެ ފުރަތަމަ ފްލައިޓް, NO610 އިން ރާއްޖެ އައި 346 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވެއެވެ.

ނިއޯސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 20 ޑިސެންބަރު 2004 ގައެވެ. މި އެއާލައިނަކީ އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ.

ނިއޯސް އާއެކު އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 27 އަށް އިތުރުވެފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.