މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ ބާރު ސްޕީޑެއްގައި ނޫން ކަމަށާއި ފަހަރެއްގައި ބުރިޖު ހުޅުވުމަށް ކަނޑައަޅައިފައިވާ ތާރީހަށް ބުރިޖުގެ މަސައްކަތް ނުނިމިދާނެކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިލިމާލެ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ، އެފްކޮންސް ކުންފުންޏަކީ އަލަށް އެފަދަ މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އެހެންވެ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ބުރިޖުގެ މަސައްކަތް ކުރިއަށްގެންދާ އަވަސްމިނުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތުގެ އަޕްޑޭޓެއް ދެއްވަމުން މުއްތަލިބު ވިދާޅުވީ "މޫދު އަޑީގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފަ އެހުރީ. ސުޕަސްޓްރަކްޗާގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައެއް ނޫން ކުރިއަށް ދަނީ. އެހެންވީމަ ކުރިން އަޅުގަނޑުމެން ކޮންޓްރެކްޓުގައި ފާހަގަކޮށްފައިވާ މުއްދަތަށް ހާސިލުވުމަކީ ފަހަރެއްގަ ނުވެދާނެ ކަމެއް" ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރާއެކު ބައްދަލުވުމެއް މާދަމާ ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ބުރިޖު މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރާނެކަމުގެ އިޝާރާތެއް މިނިސްޓަރު ވަނީ ދެއްވައިފައެވެ. އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް، އިންޑިއާ ސަރުކާރަށް ދީގެން ބުރިޖުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ތިލަމާލެ ބުރިޖުގެ 60 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މުއްތަލިބު ވިދާޅުވެފައިވަނީ ބުރިޖުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ބުރިޖަށް ބޭނުންވާ 263 ޕައިލް އެއްގަމާއި ކަނޑުގެ 68 ތަނެއްގައި ޖަހައި ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
"މި ކާމިޔާބީއާ އެކު ބުރިޖުގެ މުޅި މަޝްރޫއުގެ 60.84 ޕަސެންޓު މިހާރު މިވަނީ ނިމިފައި،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ތިލަމާލެ ބުރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް ވަނީ މިދިޔަ އޭޕްރީލް މަހު ބަހައްޓައިފައެވެ. ބުރިޖުގެ ތަނބުގެ ބައިގެ ދިގުމިނުގައި 8.23 މީޓަރު އަދި ފުޅާ މިނުގައި 25.37 މީޓަރު ހުންނަ މި ސެގްމަންޓުގެ ބަރުދަނުގައި 216.04 މެޓްރިކް ޓަނު ހުންނާނެއެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. 2023 ވަނަ އަހަރު ސޮއިކުރި ސަޕްލިމެންޓަރީ އެގްރީމެންޓުގައިވާ ގޮތުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ. އެގޮތުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 އެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެ ބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު