ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންތަކެއް އެހެން ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި، އަތޮޅުތެރޭގެ ރަށެއްގައި ތިބޭ ކުދިންތަކެއް، އެ ރަށުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓް ދިން މައްސަލައެއް އިއްޔެ 18:35 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން "ވަން" އަށް ބުނީ އެކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅުންހުރި ކަންކަން ބެލުމަށްފަހު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ދަރިއަށް ސިނގިރޭޓު ދޭން މަސައްކަތްކޮށް، އެ ކުދިންތައް ވަނީ އޭނާގެ ދަރީގެ ގައިގައި ސިނގިރޭޓު ޖެއްސުމަށް ވެސް މަސައްކަތްކޮށްފައި ކަމަށެވެ. އަދި އެ ވާހަަކަތައް އެހެން މީހަކާ ހިއްސާކޮށްފި ނަމަ، މަރުގެ އިންޒާރު ވެސް އެ ކުދިން ދީފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.