ބަންގުލަދޭޝްއަށް އައި ބިންހެލުމުގައި ފަސް މީހަކު މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރެކްޓާ މިންގަނޑުން 5.5 ގެ އެ ބިންހެލުން އައީ އިއްޔެގެ ވަގުތެއްގައި ބަންގުލަދޭޝްގެ ވެރިރަށް ޑާކާ ކައިރިއަށެވެ.

އެ ބިންހެލުމުގައި މިހާތަނަށް ފަސް މީހަކު މަރުވެފައިވާ އިރު، 100 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ބަންގުލަދޭޝްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައެވެ. އޮފިޝަލުން ވަނީ އަނިޔަވި މީހުގެ ތެެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފައެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ބިންހެލުމުގެ ސަބަބުން ޑާކާގެ ބައެއް އިމާރާތްތައް ވަނީ ވެއްޓި، އެކި އިމާރާތްތަކަށް ވަނީ ގެއްލުން ވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބަންގުލަދޭޝްއަށް ބިންހެލުން އައީ ޑާކާއާ 33 ކިލޯމޯޓަރު ދުރުގައި އޮންނަ ނާސިންގްޑީ ސިޓީއަށް ކަމަށް ބުނެފައެވެ.