ފަރަށް އެރި ދެކުނު ކޮރެއާގެ ފެރީގެ ކައްޕި ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ޖުމުލަ 267 ފަސިންޖަރުންނާއެކު ދަތުރުކުރަމުންދަނިކޮށް ދެކުނު ކޮރެއާގެ ޖޮގްޑޯ އައިލެންޑުގެ ފަރަށް އެރި ކުއީން ޖެނުވިއާ 2 ނަމަކަށް ކިޔާ ފެރީ ވަނީ އެ ސަރަހައްދުގެ ފަރަކަށް އަރައިފައެވެ.

ފެރީ ފަރަށް އެރުމާއެކު ދެކުނު ކޮރެއާގެ ކޯސްޓްގާޑުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި ހުރިހާ ފަސިންޖަރުން ފެރީން ސަލާމަތްކޮށްފައެވެ.

ފެރީ ފަރަށް އެރި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، އިއްޔެ ދެކުނު ކޮރެއާގެ ކޯސްޓްގާޑުން ވަނީ ފެރީގެ ކައްޕި ހައްޔަރުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފެރީ ފަރަށް އަރަން ދިމާވެފައިވަނީ ހުންގާނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ކައްޕި ތަހުގީގުގައި ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ކައްޕި ވަނީ އޭނާ އެވަގުތު ދިޔައީ ފޯނާ ކުޅެމުން ކަމަށާއި ފެރީ ފަރަށް އެރީ މިސްރާބު ބަދަލުނުކުރެވިގެން ކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާގެ ފުލުހުން ވަނީ ކައްޕީގެ އިތުރުން އޭނާގެ އެހީތެރިޔާވެސް ހައްޔަރުކޮށް ތަހުގީގަށް މައުލޫމާތު އެއްކުރަން ފަށައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން ފަރަށް އެރި ފެރީން ދަތުރުކުރި މީހުންގެ ތެރެއިން 27 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދީފައިވެއެވެ.