ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ނުވަތަ ލޯފަން މީހުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "އެސެސިބިލިޓީ ފީޗާ ވެބް" ތައާރަފުކޮށްފިއެވެ.

މީރުމާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "އެސެސިބިލިޓީ ފީޗާ ވެބް" ތައާރަފުކޮށްދެއްވީ ސޯޝަލް، ފެމިލީ އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލުން ގެނެސްދިން ވީޑިއޯގައި ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ފިޒިކަލް އެކްސެސިބިލިޓީ ކަމަށާއި އެމްޕީއެލުން ފޮރުކޮށްދޭން ބޭނުންވާ މައުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްނުދެވުން ކަމަށެވެ.

"ފިޒިކަލީ، ހާއްސަކޮށް ލޯފަން ބޭފުޅުންނަށް. ގަބޫލުކުރަނީ އެމްޕީއެލުން އިސްނަގައިވެސް އެބޭފުޅުންގެ ވެބްސައިޓަށް މި ގެނައި އިސްލާހާއެކު މި އޮތް ގެޕް ވަރަށް ބޮޑަށް ކުޑަވެގެން، ހަނިވެގެންދާނެ ކަމަށް. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ، ލޯފަން ބޭފުޅުންނަށް މައުލޫމާތު ލިބިގަތުން ވަރަށް ބޮޑަށް ކުރިއެރުން ލިބިގެންދާނެ،" އާތިފް ވިދާޅުވިއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނީގެ މަސައްކަތުގެ މާހައުލުން އަދި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުން ހަމަހަމަ ފުރުސަތުތަކެއް ގާއިމުކޮށްދިނުން ކަމަށެވެ.

20 ނޮވެމްބަރު 2025: ލޯފަން މީހުންނަށް ހާއްސަކޮށްގެން އެމްޕީއެލުން "އެކްސެސިބިލިޓީ ފީޗާ ވެބް" ތައާރަފުކުރުން --- ފޮޓޯ/ އެމްޕީއެލް

"މި ދަތުރުގައި މިވަނީ އިތުރު ފިޔަވަޅެއް އަޅާފައި. މި ފީޗާ ބޭނުންކޮށްގެން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް، އެމްޕީއެލްގެ ވެބްސައިޓުތަކުން ލިބެންހުރި އެކި މައުލޫމާތުތައް ހޯދައި ހިދުމަތްތައް ހޯދުމުގެ މަގުފަހިވެގެންދާނެ،" އެމްޕީއެލުން ބުންޏެވެ.

އެ ވީޑިއޯގައި ބަލައިންޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓެރީ މުހައްމަދު ސައްދާމް ވިދާޅުވީ ލޯފަން މީހުންނަކީވެސް މުޖުތަމައުގައި ދިރިއުޅޭ ބައެއްގެ ގޮތުގައި ގަބޫލުކޮށް މިކަހަލަ ވެބްސައިޓެއް، އެ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކުރުމުން އެމްޕީއެލަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިހާރު ދަންނަވާނީ ސްކްރީން ރީޑާ ބޭނުންކޮށްގެން ފޯނު ބޭނުންކުރާ ފަރާތްތަކަށް އެކްސެސްވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށްކަންނޭނގެ، ކުންފުންޏަކުން އަމިއްލަ އިސްނެންގެވުމާއެކީގައި ވެބްސައިޓެއް ފަރުމާުރެވި، ޓެސްޓު ކުރެވި، ލޯންޗުކުރުމާ ހިސާބަށް މިދަނީ. އެހެންވީމަ، ގަބޫލުކުރާގޮތުގައި ސަރުކާރުގެ ދެން ހުރި ކުންފުނިތަކުންވެސް ނަމުނާއެއް ކަމަށް ބަލައިގެން ކުރިއަށްގެންދަވާނެ ކަމަށް،" ސައްދާމް ވިދާޅުވިއެވެ.

އެ ވީޑިއޯގައި ލޮލުގެ ފެނުމުނެ މަހުރޫމުވެފައިވާ ހަސަން އިބްތިހާލު އަލީ ބުނީ މިގޮތަށް އެސެސެބަލްކޮށް ސައިޓުތައް ލިބޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެންރޮއިޑު ފޯނުތަކަށް އެ ކަހަލަ ވެބްސައިޓުތަކަށް ވަނުމުގެ ފުރުސަތުތައް ގިނަ ފަހަރަށް ލިބުނަސް، އައިފޯނަށް އެ ފުރުސަތު ފަހިވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.