އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ 14 އިންސައްތަ ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެއީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އޭރު އެ ކުންފުންޏާ އެކު އެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ނިންމެވީ ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ އެހެން ތަނަކަށް އަރަބިއްޔާގެ އާ އިމާރާތް ބަދަލުކުރާށެވެ. އެހެންވެ، މި ސަރުކާރުން ދެއްކީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓެވެ. އެ ބިމަށް އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ބަދަލުކޮށް، އެއީ އެ ސްކޫލްގެ ދާއިމީ ބިން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލަކީ ވަރަށް ގޮންޖެހުން ބޮޑުކޮށްދިޔަ ސްކޫލެއް ކަމަށެވެ.

އެއްވެސް އަޅައިލުމެއް ނެތި، ވަކި ތަނެއްގައި ކިޔަވަމުންދަނިކޮށް އެތަނުން ދަރިވަރުންނާއި މުދައްރިސުން ނެރެވި، ފާއިތުވެދިޔަ 12، 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާގެ ބެލެނިވެރިންނާއި މުދައްރިސުން ވެސް ހޭދަކުރީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް 14 އިންސައްތަ މަސައްކަތް ވަނީ ނިިމިފައި. އަޅުގަނޑުމެންގެ ކޮންޓްރެކްޓަރުގެ ފަރާތުން މައުލޫމާތު ލިބޭގޮތުން މި ފެއްޓޭ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ އެ މަސައްކަތް އެއްކޮށް ނިންމައިލެވި، އަޅުގަނޑުމެން ޓާގެޓު ކަނޑައަޅާފައިވާ ފަދައިން 2027 ވަނަ އަހަރުގެ ދިރާސީ އަހަރު ފެއްޓިގެންދާނީ އާ އިމާރާތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ސަރަހައްދަކަށް ބަދަލުކުރާތީ، ސްކޫލުގެ ޑިޒައިނަށް ބަދަލުތަކެއް ގަނެސް، އަމިން ކޮންސްޓްރަކްޝަނާއެކު މި ސަރުކާރުން މަޝްވަރާކުރިއެވެ. ނަމަވެސް އެ ކުންފުނިން ހުށަހެޅި އަގު ބޮޑުކަމުން ހަަރަދު ކުޑަކުރުމުގެ ގޮތުން އެ ކޮންޓްރެކްޓް ބާތިލުކުރިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މަސައްކަތް މި ސަރުކާރުން ދެން ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އާރުސީސީއާ އެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 152.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ސްކޫލުގައި 40 ކްލާސްރޫމާއި ބޭސްމެންޓްގައި އަންޑާ ގްރައުންޑް ޕާކިން ޒޯނަކާއި ޓާފް ދަނޑެއް ހިމެނޭނެއެވެ.