ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ، "ގްލޯބަލް ސެންޓަ ފޯ ގުޑް ގަވާނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)" އިން ރާއްޖެއަށް ދިނީ އެ ޖަމިއްޔާއިން ދެމުން އަންނަ "އިންޓެގްރިޓީ އެވޯޑް" ކަމަށެވެ.
ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމިއްޔާއިން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ ޖަމިއްޔާއިން ކޮންމެ ދެ އަހަރަކުން، އެއް ފަހަރު ޝާއިއުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނޭ ކަމަށެވެ. އެ އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިހްލާސްތެރި އަދި ދުންފަތުގެ ސިނާއަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާސަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ އެވޯޑް ރާއްޖެއަށް ހަވާލުކޮށްފައިވަނީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑް ގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް (އެފްސީޓީސީ)" ގެ ގަވާނަންސް ބައްދަލުވުން ކަމުގައިވާ، "ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގައި ކަމަށެވެ.
ރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދުއެވެ.
ރާއްޖެއަކީ އެފްސީޓީސީ ގެ މެންބަރު ގައުމެކެވެ. އަދި ކޮޕް 11ގައި ރާއްޖޭގެ ޑެލިގޭޝަންއެއް ބައިވެރިވެއެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް