ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށްފިއެވެ.

ދިރާގުން ބުނީ "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާ އާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ.

އެ ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ޒަރިއްޔާއިން މުވަޒަފުންގެ ފަރާތުން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ސެޓްފިކޭޝަނެކެވެ. އެގޮތުން، އެ ސާވޭ މެދުވެރިކޮށް މުވަޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި އިހުތިރާމާއި ކުންފުންޏާ މެދު ފަހުރުވެރިވާ މިންވަރު އަދި ކުންފުނީގައި މުވައްޒަފުންގެ ތަޖުރިބާ ހުރި ގޮތް މިންކުރެވިގެންދެއެވެ.

"ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަންއާއެކު ދިރާގު ވެގެންދިޔައީ ރާއްޖޭގައި ވެސް މި ސެޓިފިކޭޝަނާއި އަދި އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރެއިން މި ސެޓިފިކޭޝަން ހާސިލުކޮށްފައިވާ މަދު ކުންފުންނިތަކުގެ ތެރޭގައެވެ.

އެ ކާމިޔާބީ ފާހަގަކުރުމަށް ދިރާގުގެ މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްުލާއެއްގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކެޓް ހާސިލުކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. މިކަމުން ޔަގީންކޮށްދެނީ ދިރާގުގައި މުވައްޒަފުންނަށް ފަހި މަސައްކަތުގެ މާހައުލެއްއޮތްކަމާއި، މުވައްޒަފުންގެ އިހުސާސްތައް އަޑުއަހައި މުވައްޒަފުން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަކަން ކަމަށް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައުއަށް އެންމެ ފުރިހަމައަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުން ބާރުވެރިކުރުމަށް ދިރާގުންދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް. މި ސެޓިފިކޭޝަނުން ދިރާގަކީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިތުރުން، މީހުން ބިނާކުރުމުގައި ވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން މިވަނީ ސާބިތުކޮށްދީފައި،" އޭނާ ވިދާޅުވިއެެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު، އަޒްހާ ޒަމީރު ވިދާޅުވީ، އެ ސެޓްފިކޭޝަނަކީ ދިރާގުގެ އެންމެން އެކުގައި މަސައްކަތްކޮށްގެން ބިނާކޮށްފައިވާ މަސައްކަތުގެ ސަގާފަތުގެ އެހީގައި ހޯދައިފައިވާ ކާމިޔާބީއެއް ކަމަށެވެ.

އެގޮތުން ދިރާގަކީ މަސައްކަތުގެ ފުރިހަމަކަމުގެ މައްޗަށް ކުރިއެރުން ލިބޭ، ކުރިއެރުމަށް ހިތްވަރުދޭ، އެކަކު އަނެކަކުގެ ދުޅަހެޔަކަމަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއް ކަމަށާއި އެހެންކަމުން، އެ ކާމިޔާބީ ހާސިލުކުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި ވެސް އެންމެން އެކުގައި މަސައްކަތްކޮށްގެން، އެންމެން ޝާމިލުކޮށްގެން، މުވައްޒަފުން ކުރިއެރުމަށް އިތުރު މަގުތައް ތަނަވަސްކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން،" އަޒްހާ ވިދާޅުވިއެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ މުވަޒައްފުންގެ ކުރިއެރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުންނަށް އެކި ގޮތްގޮތުން ފައިދާތައް ފޯރުކޮށްދެމުންނެވެ. ދިރާގަކީ 99.9 ޕަސެންޓު ދިވެހިންގެ މައްޗަށް އެކުލަވާލާފައިވާ މުވައްޒަފުންގެ ޓީމެއް މަސައްކަތްކުރާ ކުންފުންޏެކެވެ.

ދިރާގަކީ މަސައްކަތުގެ މައިދާނުގައި ދިވެހީންގެ ކުރިއެރުވުމަށް އިސްކަންދޭ، ލީޑާޝިޕް ޑިވެލޮޕްމަންޓް އަދި ވޯކް-ލައިފް ބެލެންސްއަށް އިސްކަންދީގެން އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް އޮތް މަސައްކަތުގެ މާހައުލެއް ދެމެހެއްޓުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކުންފުންޏެކެވެ.