ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ބ. ފުޅަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ އެ ހޯލްގެ މަސައްކަތްތަކާ ބެހޭގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ލިޔުމުން ޖަވާބު ހޯއްދަވަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޒާކިރު ސުވާލު ކުރެއްވީ ފުޅަދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ހުއްޓިފައިވަނީ ކީއްވެގެންތޯ، އާއި އެ މަސައްކަތް ފަށައި އަދި ނިންމޭނެ ތާރީހެއް ހޯއްދެވުމަށެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުޅަދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ފާއިތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ބަޖެޓުގައި ހިމެނިފައި ނުވާ ކަމަށެވެ.

ނަމަވެސް މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު 16 މާޗް 2025 ގައި މަސައްކަތް ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.