ސައިލެއްގައި ދިޔަ މީހެއްގެ އަތުން ޑޮލަރު ޗެކަކާއި ފޯނު އަތުލި ތިން މީހެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގ. ބުލޫގެ އަނަސް ވަހީދު ސައިކަލެއްގައި، ރަށްދެބައިމަގު ހޮބީސް ފިހާރަ ކައިރިން ދުއްވާފައިގޮސް ސައިކަލް މަޑުކޮށްލި ވަގުތު ސ. ހިތަދޫ އެބީވިލާ އަލީ އަކުރަމް އެ ސައިކަލުގެ ފަހަތަށް އަރައި، އެ ދެމީހުންގެ ފަހަތުން ސ. ހިތަދޫ ފާނަވިލާގެ ހަސަން އަލީމް ޒުހުރީ އާއި ހިތަދޫ އެބީވިލާ މުހައްމަދު ނާޒިޝް ނާޒިމް، އެ ދެމީހުން ކުރެ ކޮންމެ މީހަކު ސައިކަލެއްގައި ދުއްވަމުން ގޮސް އަނަސްގެ އަތުގައި ހުރި ޑޮލަރު ޗެކަކާއި ފޯނު އަތުލި މައްސަލައެކެވެ.

އަނަސްގެ އަތުގައި އޮތް 25،300 ޔޫއެސް ޑޮލަރުގެ ޗެކާއި އޭނާގެ އަތުގައި އޮތް އައިފޯން 15 ޕްރޯ މެކްސް ފޯނު އަތުލީ އަލީ އަކުރަމެވެ. އޭގެ އިތުރުން އޭނާ ދުއްވި ސައިކަލްގެ ތަޅުދަނޑި ވެސް އަތުލިއެވެ.

މި މައްސަލައިިގައި މި މީހުންގެ މައްޗަށް ދައުލަތުން ކުރީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާއަށް، ފުރަތަމަކޮޅު އިންކާރު ކުރި ނަމަވެސް އިބްތިދާއީ މަރުހަލާ ނިމުމުން މި އެންމެން ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އެހެންކަމުން މި މައްސަލައިގައި އަލީ އަކުރަމް އެއް އަހަރާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް، ހުކުމްގެ ބާކީ އޮތް 11 މަހާއި އެއް ދުވަސް، ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 66،200 ރުފިޔާ 18 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެންގިއެވެ.

މުހައްމަދު ނާޒިޝް ނާޒިމާއި ހަސަން އަލީމް ޒުހުރީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް އެ މީހުންނަށް ކުރި ހުކުމްގެ ތެރެއިން 46 ދުވަހަކީ ޖަލަށްލުމުގެ އަދަބު ކަމަށާއި، ހުކުމްގެ ބާކީ އޮތް އަށް މަހާއި ދެ ދުވަސް ޖޫރިމަނާކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 48،400 ރުފިޔާ 12 މަސްދުވަހުގެ ތެރޭގައި ޒުހުރީއަށް އަންގައި، މުހައްމަދު ނާޒިޝް ނާޒިމްގެ މައްޗަށް ކަނޑައެޅި ޖަލު ހުކުމްގެ ތެރެއިން 65 ދުވަހަކީ ޖަލަށް ލުމުގެ އަދަބު ކަމަށާއި ހުކުމްގެ ބާކީ އޮތް ހަތް މަހާއި 13 ދުވަސް ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 44،600 ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އަންގައިފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެ ތިން މީހުން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމްގެ މުއްދަތުން އުނިކުރުމުން އެ މީހުން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށްވެސް ހުކުމުގައި ވަނީ ކަނޑައަޅައިފައެވެ.