ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 13 އެންޖީއޯއަކަށް ޖުމުލަ 678،800 ރުފިޔާ ދިރާގުން ހަދިޔާކޮށްފިއެވެ.

ޑީއެމްއާރްއާރް 2025ގެ ހަރަކާތް ދިރާގުން ކުރިއަށްގެންދިޔައީ ކުޑަކުދިން ރައްކާތެރިކުރުމަށާއި، ހުރިހާ ކުދިން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރާ 13 އެންޖީއޯއަކާ ގުޅިގެންނެވެ.

އެ ހަރަކާތުގެ އިނާމުދިނުމަށާއި އެންޖީއޯތަކަށް ޑޮނޭޝަން ހަވާލުކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީނިއާ މެނޭޖަރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ޝިޔާރަކީ ދިރާގުން އަބަދުވެސް ހާއްސަ އިސްކަމެއްދޭ ދާއިރާއެއް ކަމަށްވާ ކުޑަކުދިން ހިމާޔަތްކުރުމާއި ރައްކާތެރިކުރުން ކަމަށެވެ.

މިއަހަރު ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން، މިއަހަރު ޑީއެމްއާރްއާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށް 100 ޕަސެންޓު އޮފް-ސެޓްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ހަމައެކަނި ދުވުމެއް ނޫން. މިއީ ޓެކްނޮލޮޖީ އަދި ސަސްޓެއިނަބިލިޓީ އިސްކޮށް ޒިންމާދާރު އަދި މުހިންމު އިޖުތިމާއީ މަގުސަދުތެކެއް ހާސިލުކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތެއް،" ބިޝާރާ ވިދާޅުވިއެވެ.

24 އޮކްޓޫބަރު 2025، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން ---- ފޮޓޯ: ދިރާގު

ދިރާގުން އިތުރަށް ބުނީ މި އަހަރުގެ ދުވުމަށް ރަޖިސްޓަރީ ކުރި އިރު، ކޮންމެ ދުވުންތެރިއަކަށް ވެސް އެ ދުވުންތެރިއަކު އިހުތިޔާރުކުރާ އެންޖީއޯއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވައިލައި، ދުވުމުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަށް ބަހާލާ ގޮތަށް ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާކުރި ކަމަށެވެ.

އޭގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު 478،800 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަރު އެންޖީއޯތަކަށް ހަދިޔާކޮށްފައެވެ.

އެ އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފަށައިގަތުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދުވުންތެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް އެންޖީއޯގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް ވެސް 76،831 ރުފިޔާ ހަދިޔާކުރިއެވެ. އެ އެންޖީއޯތަކަކީ، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ، އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އެެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އެންޑޯސްކޮށްފައިވާ އަނެއް ހަތް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް ދިރާގުން 36،831 ރުފިޔާ ހަދިޔާކުރިއެވެ. އެއީ ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ، ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)، ކެއާ ސޮސައިޓީ، މޮމްސް އެއިޑް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ވީލްޗެއާ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާފައިވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

އެ ދުވުން އަންނަ އަހަރު ބާއްވާ ތާރީހަކީ 30 އޮކްޓޫބަރު 2026 ކަމުގައި ދިރާގުން ވަނީ އިއުލާނުކޮށްފައެވެ.