ރާއްޖޭގައި ކޭމްޕް ކުރަމުންދާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ހާއްސަ މެންދުރުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

އެ ފަރިއްކޮޅު އޮތީ ހޮޓެލް ޖެންގެ ބޯލް ރޫމުގައެވެ.

ފަލަސްތީނުގެ ޒުވާން ޓީމުން ރާއްޖޭގައި ކޭމްޕް ކުރަމުން ދަނީ އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް ތައްޔާރުުމަށެވެ. އެޓީމުން ރާއްޖޭގައި ކުރަމުންދާ ކޭމްޕްގެ ތެރެއިން އެކުވެރިކަމުގެ ދެމެޗުވެސް ކުޅެފައިވާ އިރު، ތަމްރީނު ކޭމްޕަށް ހަރަދުކުރަމުންދަނީ އެފްއޭއެމްއާއި ސަރުކާރުންނެވެ.

އެކުވެރިކަމުގެ މެޗުތަކުގެ ސުވެނިއާ ޓިކެޓް ބައްލަވައިގަނެ، ރައީސާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.

ރައީސް ފަލަސްތީނުގެ ޓީމާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ފަލަސްތީނުގެ ގައްޒާއަށް އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ދެމުންދާ އިރު، އެގައުމުގެ އެތައް ކުޅިވަރު އެތުލީޓުންނަކަށް އަމިއްލަ ގައުމުގައި ކުޅިވަރު ކުޅުމުގެ ފުރުސަތުވެސް ވަނީ ގެއްލިފައެވެ. އެކަމުގައި ދުނިޔޭގެ އެކިއެކި އިދާރާތަކުން އިހުމާލުވާ ކަމަށް އެތައް ތުހުމަތުތަކެއް ހުރި އިރު، ފީފާއިން އިޒްރޭލް ބޭރުނުކުރުމުން އެކަމުގައިވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.

މިއަދުގެ ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުވެސް ބައިވެރިވިއެވެ.