ދެ އަހަރު ދުވަހުގެ ތެރޭ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 94 މީހުން މަރުވި ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕަކުން ބުނެފިއެވެ.

ވޭތުވެދިޔަ ދެ އަހަރުތެރޭ އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނަށް ނިސްބަތްވާ 94 މީހަކު މަރާލާފައިވާ ކަމަށް ބުނެފައިވަނީ، އިސްރާއީލަށް ނިސްބަތްވާ އިންސާނީ ހައްގުތަކާ ބެހޭ ޖައްމިއްޔާއެއް ކަމަށްވާ ''ފިޒިޝިއަންސް ފޯ ހިއުމަން ރައިޓްސް އިސްރާއިލް'' އިންނެވެ.

''ފިޒިޝިއަންސް ފޯ ހިއުމަން ރައިޓްސް އިސްރާއިލް'' އިން ވަނީ އިސްރާއީލުގެ ޖަލުތަކުގައި ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އެ ގުރޫޕުން ވަނީ 7 އޮކްޓޫބަރު 2023 އިން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ދެމެދު އިސްރާއީލުގެ ޖަލުތަކުގެ ހާލަތު އާންމުކޮށްފައެވެ.

''ފިޒިޝިއަންސް ފޯ ހިއުމަން ރައިޓްސް އިސްރާއިލް''ގެ ތުހުމަތުތައް ދޮގުކޮށް އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާ އިސްރައެލް ޕްރިޒަން ސާވިސް އިން ބީބީސީގައި ވަނީ ޖަލުތަކުގެ ކަންކަން ކުރިއަށް ދަނީ އެގައުމުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށް ބުނެފައެވެ.

އިސްރައެލް ޕްރިޒަން ސާވިސް އިން ބުނީ ޖަލުތަކުގައި ތިބޭ ގައިދީން ބައިތިއްބަނީ ގާނޫނުތަކާ އެއްގޮތް ވާނެ ގޮތުގެ މަތިން ކަމަށާއި އެމީހުންނަށް ހުރިހާ ހައްގުތައް ކަށަވަރުކޮށްފައިވާ ކަމަށެވެ.

''ފިޒިޝިއަންސް ފޯ ހިއުމަން ރައިޓްސް އިސްރާއިލް'' އިން ވަނީ އިސްރާއީލުގެ ޖަލުތަކުގެ އޮފިޝަލުން ކުރިން މައުލޫމާތު ހިއްސާކުރި ނަމަވެސް ފަހުން ގިނަ ކަންތައްތަކެއް ސިއްރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ގުރޫޕުން ބުނީ ދެ އަހަރުތެރޭ އިސްރާއީލުގެ މިލިޓަރީ ޖަލުތަކުގައި 52 މީހުން މަރާލާފައިވާ ކަމަށާއި އިސްރާއީލުގެ މައި ޖަލުތަކުގައި 42 މީހުން މަރާލާފައިވާ ކަމަށެވެ.