ސައުދީ އަރަބިއްޔާއިން އަބަދުވެސް ރާއްޖެއަށް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އަރަބި އިސްލާމީ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދެމުންދާ ކަމަށެވެ.

"ހާރިޖީ ގުޅުމުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް އަޅުގަނޑުމެން މިދެނީ އަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް. ހާއްސަކޮށް އަޅުގަނޑުމެންނާ އެންމެ ގާތް ގައުމަކީ ސައުދީ އަރަބިއްޔާ. ސައުދީ އަރަބިއްޔާއާއި ރާއްޖެއާ އެކީގައި އޮތް ގުޅުމުގެ ތެރެއިން ސައުދީ ރަސްގެފާނު އަދި ވަލީ އަހުދު ދިވެހި ރައްޔިތުންނަށް ދެއްވާ އިސްކަމުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްވެސް ހަމަޖެހިގެން ދިޔައީ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ސައުދީން ރާއްޖެއަށް ދެއްވާ ހާއްސަ އިސްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ތެރެއިން ހައްޖުވެރިންނަށް ގިނަ ލުއިތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހާރިޖީ ގުޅުންތަކުގެ ތެރެއިން ގައުމަށް އެންމެ ފައިދާވާނެ ގޮތްތަކާއި ރައްޔިތުންނަށް ފައިދާވާނެ ގޮތްތައް ހޯދުމަކީ ރައްޔިތުން ބޭނުންވާގޮތްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުގެ މަތިން އެކި ގައުމުތަކާއެކު ވިޔަފާރިއާއި އިގުތިސޯދީ ގޮތުން ގުުޅުން ބަދަހިކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.