ރަސްމާލޭގެ ޕްލޭންގެ ދަށުން ޖުމްލަ 25،000 ގޯތި ތަރައްގީ ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން ވަނީ، ރަސްމާލެއިން ދޫކުރަން ނިންމާފައިވާ ޖުމްލަ 15000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައި އެ ގޯތިތައް ބެހިފަވާ ކެޓަގަރީތައް އިއުލާނުކޮށްފައެވެ. އެގޮތުން އެ އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފަވަނީ 1250 އަކަފޫޓުގެ ގޯތިތަކެވެ.

އުސޫލުގައިވާ ގޮތުން އެ ގޯތިތަކުގެ ތެރެއިން 7000 ގޯތި ދޭނީ އުފަންވީއްސުރެ މާލޭ ގެއެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ގޯތި ދޫކުރަން ހަމަޖައްސާފައިވާ ކަމަށް އުސޫލުގައިވެއެވެ.

މީގެ އިތުރުން ފަހުން މާލޭ ގެއެއްގެ ރަށްވެހީންގެ ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްވެސް 2000 ގޯތި ހިމަނާފައިވެއެވެ.

އުސޫލުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހީންނަށްވެސް 3000 ގޯތި ހިމަނާފައިވެއެވެ. އެ ގޯތިތަކަށް ޝަރުތު ހަމަވާނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ނަމައެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ރޭ އިއުލާނުކުރި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ސިޔާސަތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރަސްމާލޭގެ ޕްލޭންގައި އޮތީ 1250 އަކަފޫޓްގެ 25000 ގޯތި ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ބުރުގައި ހުޅުވާލާނީ 15000 ގޯތި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ފަހަރަކުން ނުނިންމޭނެ. 15000 ގޯތި ފުރަތަމަ މި ދޫކުރަނީ ރަސްމާލެއިން. އެއީ އެކަމަކު އެއްކޮށް އެންމެންނަށް ނިންމޭނެ ވަރެއް ނޫން. މުޅި ރަސްމާލެ އަކީ 25000 ގޯތި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑެތި ޑްރެޖަރުތައް ޑިސެމްބަރުގައި ލިބޭނެ ކަމަށާއި އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް ހިސާބުގައި ރަސްމާލެ ހިއްކައި ނިންމޭނެ ކަމަށެވެ. އަދި ރަސްމާލެ ހިއްކައި ނިމުމުގެ ކުރިން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ހޮވުން ކަމަށް ރައީސް ވިދާޅުވިއެވެ.