އަމިއްލަ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ހަވާލުކުރުމުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަ ވަނަ ދުވަހު ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދަމުންދާ ކަމަށާއި އެގޮތުން ޕްރައިވެޓް ސެކްޓާއަށް ވަރަށް ގިނަ މަޝްރޫއުތައް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

"ދެން ބައެއް ފަރާތްތަކަށް ޕްރައިވެޓް ސެކްޓާއާ ހަވާލުކުރި މަޝްރޫއުތަކާ ހެދި ނިދިވެސް ނައިސްގެން އެބައުޅޭ. އަޅުގަނޑު ކުރާނެ ކަމެއް ނޫން އެ ބޭފުޅުން ނިދި ނައުމަކީ. ގާނޫނާއި ގަވާއިދާ ހިލާފަށް މިސަރުކާރުން ނުކުރާނެ އެއްވެސް ކަމެއް. ބަރާބަރަށް އެކަން ކޮށްފައި އެއޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތައް ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް އެ މައްސަލަ ބެލުމަށް އެދޭ ކަމަށާއި އެ މަސައްކަތްތައް ހަވާލު ކުރުމުގައި އެއްވެސް މައްސަލައެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.