މާލެ ސީޓީ ކައުންސިލުން، އޭޓީއެމްގެ ހިދުމަތްތަކާއެކު ބަސް ސްޓޮޕް އިމާރާތްތަކެއް ތަރައްގީ ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާލެ ސިޓީކައުންސިލުގެ ހޯލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސް ވުމުގައި ސޮއި ކުރެއްވީ، މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރެވެ. އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު، މުހައްމަދު ޒުލާލް ޒައީމެވެ.
އެ އެއްބަސްވުމަކީ، ފާހަގަކުރެވޭ މިންވަރަށް، މާލޭގެ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް، ތަރައްގީކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން، މާލޭގެ ހަތަރު ސަރައްދެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް މާލެ ސިޓީކައުންސިލުން ބުންޏެވެ.
އެގޮތުން މާލޭގެ މީހުން ގިނައިން އެއްވެ އުޅޭ މުހިއްމު ހަތަރު ސަރަހެއްދެއް ކަމަށްވާ މަޖީދީމަގު، މާފަންނު މައިޒާން، އަމީނީމަގުގައި ހުންނަ ސިނަމާލެ ތިނެއްް، ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭކޮށި އަދި ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދުގައި، އެ އިމާރާތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން އިތުރަށް ބުނީ އާންމު ބޭނުންތަކަށް ތަރައްގީ ކުރަން ނިންމާފައިވާ ވަސީލަތައް ގާއިމުކުރުމުގެ އެ މަޝްރޫއުގެ ޖުމުލަ ހަރަދު، އެމްއައިބީން، ކުރުމަށް އެއްބަސްވެފައިވާއިރު، އެ އިންތިޒާމު ބައްޓަންކުރެވިފައިވަނީ 10 އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށެވެ.
އެގޮތުން ބަސް ސްޓޮޕް އިމާރާތްތަކާއި އޭޓީއެމް ކިއޮސްކްތައް ހިމެނޭ އެ ވަސީލަތްތައް ފަރުމާކޮށް، އިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާ އަކީ އެމްއައިބީ ގެ ޒިންމާއެއް ކަމުގައި އެ އެއްބަސްވުމުގައިވާ ކަމަށެވެ.
"އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން، އިމާރާތްކުރެވިފައިވާ އިމާރާތްތަކާއި ދާއިމީ ސްޓްރަކްޗާތައް، ބިމުގައި ދެމިހުންނާނެ. އަދި އެ ތަން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގެ ތަނެއްގެ ގޮތުގައި. އެ އިމާރާތްތައް ތަރައްގީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސްހުއްޓާ ސަރަހައްދުގައި، އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާ ނުވާނެ ގޮތަކަށް ތަން ފަރުމާކުރުމަށް." ކަމަށް ވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީކައުންސިލުން ބުންޏެވެ.
އެއީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންތެރި އަދި ފަސޭހައިން ވާސިލު ވެވޭ ބަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒަރީއާއިން އާންމު މަސްލަހަތަށް އިސްކަންދީގެން ހިދުމަތްކުރުމުގެ މަގުސަދުގައި ތަރައްގީކުރާ ތަނެއް ކަމަށް ފާހަގަކޮށްފައިވާ ކަމަށްވެސް މާލެ ސިޓީކައުންސިލުން ބުންޏެވެ.
ފާތިމަތު ލިއުޝާ
މާލެ
މާލެ
މާލެ
މާލެ