ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ހެލްތު އެކްސްޕޯ 2025 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

އާންމުންނަށް ސިއްހީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މިމަހު 13 އިން ފެށިގެން ރޭގެ 11ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އެ ހަރަކާތުގައި ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ވެލްނެސް ޖަމިއްޔާތަކާއި ސަޕްލަޔަރުންނާއި ސިއްހީ މައުލޫމާތުދޭ ފަރާތްތަކުން ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ.

އެ އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފެމިލީ މެޑިސިން ޑޮކްޓަރުންނާއި ދަތުގެ ހާއްސަ ޑޮކްޓަރުންނާއި އައިވީއެފް އެންޑް ރީޕްރޮޑަކްޓިވް ހެލްތު ޑޮކްޓަރުންނާއި، އެމަޖެންސީ މެޑިސިން އަދި ޑައިޓީޝަނުން ވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތުތަކާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބެންހުރި ފަރުވާގެ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީފައެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާއި ހިދުމަތްތައް ތައާރަފުކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާއި ސިއްހަތާ ބެހޭ މިނިސްޓްރީން އެދެނީ މި އިވެންޓުގެ ބޭނުން އެންމެހާ ރައްޔިތުން ހިފުމަށް ކަމަށެވެ.