ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރަން މޯލްޑިވިއަން އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނަސީރެވެ. އައިލެންޑު އޭވިއޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ސޮއިކުރެއްވިއިރު އެންސްޕާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހީނާ ވަލީދެވެ.

މިއީ ރާއްޖޭން ބޭރުގެ ގައުމަކަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ފުރަތަމަ ފަހަރަށް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ދޭން ފެށިއިރު އެ ހިދުމަތް އަދި ދެމުން އަންނަނީ މާލެއަށް އެކަންޏެވެ.

މިހާތަނަށް 1800 އަށްވުރެ ގިނަ ބަލި މީހުންނަށް އެއާ އެމްބިއުލާންސްގެ ހިދުމަތްވަނީ ފޯރުކޮށްދީފަ އެވެ.