ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އޮސްޓްރިއާގެ ގައުމީ އެއާލައިން, އޮސްޓްރިއަން އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އޮސްޓްރިއަން އެއާލައިންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެއާ ނެވިގޭޝަން އެންޑް އޭރޯޑްރޯމްސްގެ ޑިރެކްޓަރު ފާތިމަތު ރާމިޒާއެވެ.

15 ނޮވެމްބަރު 2025، ވީއައިއޭގެ އާ ޓާމިނަލުން އޮސްޓްރިއާގެ ގައުމީ އެއާލައިނަށް ހިދުމަތްދޭން ފެށުން -- ފޮޓޯ/ އެމްއޭސީއެލް

އެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ސްޓޭޝަން މެނޭޖަރު ރޮބާޓް ހާވީ އާއި އޮސްޓްރިއަން އެއާލައިންސްގެ އޮފިޝަލުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ ރަސްމިއްޔާތުގައި އޮސްޓްރިއަން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 321 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, OS021 އިން ރާއްޖެ އައި 321 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

15 ނޮވެމްބަރު 2025، ވީއައިއޭގެ އާ ޓާމިނަލުން އޮސްޓްރިއާގެ ގައުމީ އެއާލައިނަށް ހިދުމަތްދޭން ފެށުން -- ފޮޓޯ/ އެމްއޭސީއެލް

އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 1995 ގައެވެ.

އޮސްޓްރިއަން އެއާލައިންސް އަކީ 26 ޖުލައި 2025 ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 23 ވަނަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.