މޯލްޑިވްސް އިންލަންޑް ރެވެނިއުއޮތޯރިޓީ (މީރާ) މުވައްޒަފުންގެ މުސާރަ، އެހެން މުވައްޒަފުންތަކުގެ މުސާރައާ އެއްހަމަކުރުމަށް، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އެދިވަޑައިގެންފިއެވެ.

ޒަރީރު މިކަމަށް އެދިވަޑައިގެންނެވީ އަންނަ އަހަރަށްލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށް މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މީރާއަށް ހުރި ގޮންޖެހުންތައް ހާމަކޮށްދެއްވަމުންނެވެ.

ޒަރީދު ވިދާޅުވީ، މީރާއައް ޖެހިފައިވާ އެންމެ ބޮޑު އުނދަގުލަކީ މުވައްޒަފުން ހިފަހައްޓަންޖެހުން ކަމަށެވެ.

ޒަރީރު ވިދާޅުވީ އެކަން ދިމާވަނީ މީރާގެ މުވައްޒަފުންނަކީ އެހެން އިތުރު ވަޒީފާއެއް އަދާކުރެވޭ މުވައްޒަފުންނަށް ނުވުމާއި އެހެންއިދާރާތަކުގެ މުސާރަތަކާއި އެތާ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކަމަށެވެ.

"މީރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑިވެސް ދިގުވާނެ، އެއީ ޕްރައިވެޓް ސެކަޓާ ގުޅިފަ އޮންނާތީ،"

އެގޮތަށް މަސައްކަތްކުރަންޖެހޭ ގަޑި އާއި މުސާރައިގެ މައްސަަލައާ ގުޅިގެން މިދިޔަ އަހަރު ޓާންއޯވާ 17 ޕަސެންޓުގައި ހުރިއިރު އެ އަދަދު މިއަހަރު 21 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީރާއަކީ އެންމެ ބޮޑަށް އޮޓޮމޭޓް ކުރެވިފައިވާތަން ކަމަށެވެ. އެގޮތުން މީރާގެ 98 ޕަސެންޓް މަސައްކަތްތައް ކުރެވެނީ އޮންލައިން ސިސްޓަމްގެ ތެެރެއިން ކަމަށާއި، އެ ސިސްޓަމްތައް ބަލަހައްޓަން ތިބެނީ މީރާގެ އެތެރޭގެ މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.

އެ މުވައްޒަފުން ނުހިފެހެއްޓޭނަމަ ސިސްޓަމްތައް ނުބެލެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެގޮތަށް އެތަނުގެ އޮޑީޓް މުވައްޒަފުންނަކީ ޓްރެއިިންދީ އެކަމަށް ގާބިލް ބަޔަކަށް ހަދައިގެން މަސައްކަތް ކުރުވާ ބަޔަކަށްވި ނަމަވެސް މުވައްޒަފުން ބަދަލުވަމުންދާތީ، އަންނަ ކޮންމެ ބަދަލަކާއެކު ކުރާ އޮޑިޓެއް ޖެހެނީ އަލުން ފަށަން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އައިޓީ މުވައްޒަފު ކޮންމެ ދުވަހަކު ކޮންމެސް ތަނަކުން އެޑެެއް އަޅުގަނޑާ ޝެއާކޮށްލައްވާ، މިސާލަކަށް އިއްޔެގަވެސް ޝެއާކުރެއްވި، ސިވިލްސާވިސްގެ ލެވެލްގަ ޑިގްރީ ހަދައިފަ ދެއަހަރު ދުވަހުގެ އެކްސްޕީރިއަންސްހުރި ސްޓާފަކަށް އެެބަލިބޭ 30،000 ރުފިޔާ އަޅުގަނޑުމެންނަށް 18،000 ނުވަތަ 19،000 ރުފިޔާއެހެންވީމަ ކިހިނެއްތޯ މި ސިސްޓަކްްތައް ބަލަހައްޓާނީ،"

ޒަރީރު ވިދާޅުވީ މީރާ މުވައްޒަފުންގެ މުސާރައިގެ ހުރި ކަންބޮޑުވުންތައް ބޯޑާ ހިއްސާ ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ކަމާބެހޭ ހުރިހާ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

"ވަކި އަދަދައް މުސާރަ ބޮޑުކުރާކަށްނޫން މި ދަންނަވަނީ، ރިލޭޓެޑް ތަންތަނާ އެލައިންކޮށްދެއްވުމަށް އެލައިންކޮށްދެއްވައިފަ އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެހުރި އިތުރު ރެސްޓްރިކްޝަންތަކާ އެއްވަރަށް ދައުލަތުގެ ތެރެއިން ދެވެންއޮތް ވަރަކަށްދިނުން،"