މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްތަކުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަަލަަތަކުގައި ދާންޖެހޭ ކޯޓު މަރުހަލާތަކުގެ ސަބަބުން ދައުލަތަށް ނުލިބި ބިިލިޔަނެއްހާ ރުފިޔާ އެބަހުރި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމަށް، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްކޮމިޓީގައި އެ އޮތޯރިޓީއަށް ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވަމުންނެވެ.

ޒަރީރު ވިދާޅުވީ، މީރާގެ މައްސަލަތައް އާއްމު މައްސަލަތައް ދާ އުސޫލުން ޓެކްސް އެޕީލް ޓްރައިބިއުނަލާއެކު ދާންޖެހޭ ކޯޓު މަރުހަލާތަކުގެ ސަބަބުން، ޓެކްސްއާ ބެހޭ އެންމެ މައްސަލައެއް ނިމެންވެސް 10 ވަރަކަށް އަހަރު ނަގާ ކަމަށެވެ. އެކަމުގެ ސަބަބުން ލިބެންޖެހޭ ފައިސާ ބްލޮކްވެ، ޓެކްސް ފައިސާ ހޯދަން ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ޓެކްސްއާބެހޭ 200 އެއްހާ މައްސަލަ މިހާރުވެސް އެބައޮތް ކަމަށެވެ. އެ މައްސަލަތަކާބެހޭ މަސައްކަތްތައް ކުރަނީ ފަސް ވަރަކަށް ވަކީލުން ކަމަށްވެސް ވިދާޅުވިއެވެ.

ލޯޔަރުންގެ މައްސަލަތަކުގައި ހުރި ގޮންޖެހުންތައް ފާހަގަ ކުރައްވައި ޒަރީރު ވިދާޅުވީ މީރާގައި މަސައްކަތްކުރާ ލޯޔަރުންނަށް އެހެން އެއްވެސް ލީގަލް މަސައްކަތެއް ނުުކުރެވޭގޮތަށް ރަނގަޅު ލޯޔަރުން ނުލިބޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ޓެކްސްގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަކީ ޓެކްސް ލޯއިން ވަކި ހާއްސަ ކޮލިފިކޭޝަނެއް އޮތުން ލާޒިމްވާ ބަޔަކަށް ވިޔަސް، ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމުން، ދެލިގަނޑަށް ބަލައިގެން ކުރާ ބައެއް ހުކުމްތަކުގައި ގޯސްތައް ހުންނަ ކަމަށްވެސްް ވިދާޅުވިއެވެ.