އިދިކޮޅު ފަރާތްތަކުން 24 ގަޑިއިރުވެސް އެއްވާންވީ ކަމަށާއި އެއްވުންތައް ބޭއްވިޔަސް މި ސަރުކާރުން ސިޔާސީގޮތުން އެއްވެސް މީހަކު ޖަލަށް ނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލަދީފައިވާ ކަމަށެވެ. ނަމަވެސް ހިޔާލުފާޅު ކުރަންވާނީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއިންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްވު އުޅުމުގެ މިނިވަންކަންވެސް އޮތީ އެހެން. ކުރީގަ އޮންނަނީ އެތާ ކަންމަތީގަ އޮންނަ ކާނިވާ ސަރަހައްދުގަ އެކަނި އެއްވެވެން. އެހެންނަމަވެސް މި ސަރުކާރުން ހަތަރު ފަސްތަނެއްގަ އިތުރުކޮށްދީފަ އޮންނާނެ އެއްވެސް ހުއްދައެއް ނުނަގާ އެއްވާން. އެއްވާތަނެއް ނުފެނޭ، ހަމަ އެއްވާންވީ ނޫންތޯ، ކޮންމެ ރެއަކުވެސް އެއްވާންވީ. ކާކުތޯ ހުއްޓުވަނީ އެއްވާން. ހަމަ އެއްވާންވީނުންތޯ. އެ މިނިވަންކަން ނެތްކަމަށް ދައްކަން މިއުޅޭ ސަބަބުވެސް އަޅުގަނޑަކަށް ނުވިސްނޭ އެއްގޮތަކަށްވެސް،" ރައީސް ވިދާޅުވިއެވެ.

"ހަމަ ކޮންމެ ރެއަކުވެސް، ރެއެއްނޫން ދުވާލުވެސް 24 ގަޑިއިރުވެސް ހަމަ އެއްވެގެން ތިބެންވީއޭ. ހަމަ ހިޔާލުވެސް ފާޅުކުރަންވީ ބޭނުން ވަރަކަށް އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން. މީހަކު އަޅައިވެސް ނުލާނެ، ކަންބޮޑެއްވެސް ނުވާނެ، ޖަލަަކަށްވެސް ނުލާނެ"

ސިޔާސީ ވެރިންނަށް ހެދި ޖަލު ގޮޅިތައް ހުރީ ހުސްކޮށް ކަމަށާއި އެތަނަށް ލާނެ މީހަކުވެސް މިހާރު ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ވިސްނުމުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާނެ ކަމަށާއި މިހާތަނަށް އައިއިރުވެސް ސިޔާސީ ބޭނުމަކަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާނެ ކަމަށެވެ. ކުރިއަށްއޮތްތަނުގަވެސް ސިޔާސީ ބޭނުމަކަށް މީހުން ހައްޔަރު ނުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިޔާސީ ވިސްނުމެއްގައި ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ކަންބޮޑުނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ބޭނުމުގައި ކޮންމެކަމެއް ކުރިޔަސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް ބަދަލެއް ނުހިފާނެކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކަށް އަހަރެއް ނޫނީ ދެއަހަރެއްވާއިރު ސިޔާސީ މީހުން ތިބެނީ ޖަލުގައި ބަންދުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމުކުރުމަށް ސިޔާސީ ގޮތުން މީހުން ހައްޔަރުކުރުން ހުއްޓާލަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.