މާދަމާއަށްފަހު ބިދޭސީން ވަގުތުން ޑީޕޯޓުކުރާނެކަމުގެ ވަރުގަދަ އިންޒާރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އެ މަނިކުފާނުގެ މުހިންމު ވައުދުފުޅެއް ކަމަށެވެ. ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ކުރީ ސަރުކާރުތަކުގައިވެސް އޮތް ކަމަށާއި ނަމަވެސް އެ ސަރުކާރުތަކުން އެކަމަށް ހައްލު ގެނައުމަށް މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރަން އޮޕަރޭޝަން ކުރަނގިގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައި ކަމަށެވެ. އެ އޮޕަރޭޝަން ފެށިއިރު ރާއްޖޭގައި އުޅެނީ ކިތައް ބިދޭސީން ކަމެއްވެސް ސަރުކާރަށް ނޭނގޭކަމަށް ރައީސް ވިދާޅުވިއެވެ. އެކަމާ ގުޅޭ އެއްވެސް ތަފާސްހިސާބެއް މައުލޫމާތެއް ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ކުރަނގި އޮޕަރޭޝަންގެ ތެރެއިން 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް މިހާތަނަށް ނަގައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ތިބި ބިދޭސީންނަކީ ކޮބައިކަން އެނގޭނެ ކަމަށާއި އެ ބިދޭސީން ތިބި ތަނެއްވެސް މިހާރު ސަރުކާރަށް އެނގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާ ހަމައަށް ރަޖިސްޓާނުވާ ނުވަަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު، އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގަ ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓްކުރާ ގޮތަށް އަޅުގަނޑުމެން ނިންމާފައިވަނީ،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މާދަމާއަށްފަހު ބަޔޯމެޓްރިކްސް ނުދޭ އެންމެ ބިދޭސީއަކަށްވެސް ރާއްޖޭގައި ނޫޅެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަވާއިދާހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދިޔަ ބިދޭސީންނާއި އެކިއެކި ކުށްތަކުގައި ޝާމިލުވި ބިދޭސީން އަދި ރެގިއުރަލައިޒްވާން ބޭނުންނުވާ ބިދޭސީން ހިމެނޭހެން މިދިޔަ ދެ އަހަރުގެ ތެރޭގައި 9،021 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށެވެ.

އެއީ ކުރީގެ ސަރުކާރުން ޑީޕޯޓްކުރި ބިދޭސީންނާ އަޅައިބަލާއިރު 143 ޕަސަންޓުގެ އިތުރު އަދަދެއްކަމަށް ރައީސް ވިދާޅުވިއެވެ.