މިދިޔަ 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ދައުލަތަށް 1،630 މިލިއަން ރުފިޔާ އިތުރު އަދަދެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް ހިމެނިފައިނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

މިދިޔަ އަހަރުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓު އަދި ބަޖެޓު ހިންގި ގޮތުގެ ރިވިއު ރިޕޯޓުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 35،182 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ އެ އަހަރު ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 1،630 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓުން ފާހަގަކުރިއެވެ.

ރިޕޯޓުގައި ބުނީ މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީގައި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތަކެއް ހިމަނާވާފައިވާ އިރު، އެފަދަ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.

"ދައުލަތުގެ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާ އިރު، އާމްދަނީ އިތުރުކުރުމުގެ ގޮތުން ކުރާނެ ކަންތައްތަކެއް ޕްލޭން ކުރުމަކީ މުހިންމު ކަމެއް،" ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މީރާއަށް މިދިޔަ އަހަރު 16،802 މިލިއަން ރުފިޔާ ލިބެން ޖެހޭ އިރު، ކަސްޓަމްސްއަށް 571 މިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އެއީ އޭގެ ތިން އަހަރަށްވުރެ އިތުރު އަދަދުތަކެކެވެ.

ދައުލަތުން ދޫކޮށްފައިވާ އޮންލެންޑް ލޯނު އަދި ޓްރެޝަރީ ލޯނުތައް ލިބެންޖެހޭ ފައިސާގެ ތެރެއިން ޖުމުލަ 4،504 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް އޯވަޑިއުގެ ގޮތުގައި ހުރި އިރު، ލޯނުތަކަށް ފައިސާ ނުދައްކާ ކުންފުނިތަކުގެ ތެރެއިން އެމްއޭސީއެލް، ސްޓެލްކޯ، އެޗްޑީސީ، ފެނަކަ އަދި ޕީއެސްއެމުން ދައްކަންޖެހޭ ފައިސާގެ އަދަދުތައް ފާހަގަކޮށްލެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތަށް ޑިވިޑެންޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ޖުމުލަ 2،754 މިލިއަން ރުފިޔާ ނުލިބި ހުރި އިރު، އެމްޑަބްލިޔުއެސްސީ، އެޗްޑީސީ، އެސްޓީއޯ އަދި އެމްޕީއެލުން ދައްކަންޖެހޭ ފައިސާގެ އަދަދުތައް ނިސްބަތުން ބޮޑުކަން ފާހަގަކުރެއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ހުށަހަޅާފައިވީ ނަމަވެސް، އެ ފިޔަވަޅުތައް ތަންފީޒުކުރެވިފައިނުވާ ކަމަށް ރިޕޯޓުގައި ފާހަގަކުރިއެވެ.

ސަބްސިޑީ ރިޕޯމުގެ ގޮތުގައި ކަރަންޓު ސަބްސިޑީ، ފިއުލް ސަބްސިޑީ، ކާޑުގެ ބާވަތްތަކުގެ ސަބްސިޓީ، ނަރުދަމާގެ ސަބްސިޑީއަށް 2،258 މިލިއަން ރުފިޔާ ބަޖެޓު ކުރި ނަމަވެސް، 993 މިލިއަން ރުފިޔާ ވަނީ އިތުރަށް ހަރަދުކޮށްފައެވެ. އާސަންދައަށް 1،999 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު، އިތުރަށް 424 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ވެލްފެއާ އެހީގެ ގޮތުގައި 130 މިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އިތުރަށް 361 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިދިޔަ އަހަރު އެކަންކަމަށް ޖުމުލަ 4،387 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު، 6،165 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެހެންކަމުން އެއީ ބަޖެޓުކުރި އަދަދަށްވުރެ 1،778 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބަޖެޓުގައި ހިމެނި އިރު، ފިޔަވަޅުތައް ތަންފީޒުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ނިންމާފައިނުވާކަން އެ އޮފީހަށް ބަޖެޓު ކޮމިޓީއަށް ދީފައިވާ ފަންނީ ލަފާގައި ފާހަގަކޮށް، އެކަންކަން ނިންމުމަށް އެކްޝަން ޕްލޭންތަކެއް އެކުލަވާލުމުގެ މުހިންމުކަން ވާނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި ހަރަދުތައް ކުޑަކޮށް، ދަރަނި ނަގަންޖެހޭ މިންވަރު ދަށްކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި ފުލުހުންނާއި ސިފައިންނާއި އެމީހުންގެ އާއިލާތަކަށް ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް މައްޗަށްދާ ކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.