ލަންކާގެ ކޮންމެ ފަސް މީހަކުން އެކަކު ހަކުރުބަލި ހުންނަ ކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ބުނެފިއެވެ.

ލަންކާގެ ސިއްހީ ތަޖުރިބާކާރުން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ލަންކާގެ ހަކުރުބަލި ހުންނަ މީހުންގެ ނިސްބަތް 73 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.

ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ޑޮކްޓަރަކު ވިދާޅުވީ ބޮޑެތި މީހުންގެ ތެރެއިން 23 ޕަސަންޓާއި 30 ޕަސަންޓާ ދެމެދު ބޮޑެތި މީހުން ހަކުރުބަލި ހުންނަ ކަމަށާއި އެއީ ކޮންމެ ފަސް މީހަކުން އެކަކު ހަކުރުބަލި ހުރުން ކަމަށެވެ.

ލަންކާގައި ހަކުރުބަލި ހުރި މީހުންގެ އާބާދީއަށް ބަލާއިރު ތިންބައިކުޅަ އެއްބައި މީހުންނަށް ލޮލުގެ މައްސަލަތައް ދިމާވެފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން 11 ޕަސަންޓު މީހުންގެ ލޮލުގެ ފެނުމަށް ނުރައްކާވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އޮފިޝަލުން ބުނީ ލަންކާގެ ދައުލަތުން ކޮންމެ އަހަރަކު ހަކުރުބަލީގެ ކަންކަމަށް 923 މިލިއަން ރުޕީސް ހަރަދުކުރާ ކަމަށެވެ.