މުސާރައަށް ކުރާ ހޭދަ، މިހާރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ވުރެ މައްޗަށް ގޮސް ބޮޑުކުރާނަމަ ސަރުކާރުގެ ފިސްކަލް ހަރަދު ނުހިފެހެއްޓޭ މިންވަރަކަށް ހިނގައިދާނެކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް މައުލޫމާތު ދީފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިދިޔަ އަހަރަށް ވުރެ 2.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މި ބަޖެޓުގައި މުސާރަ އާއި އެލެވަންސުތައް ދިނުމަށް 17 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އެއީ މުސާރަ އާއި އުޖޫރައަށް 8.6 ބިލިއަން ރުފިޔާ، އަދި އިނާޔަތްތަކަށް 6.1 ބިލިއަން ރުފިޔާ އާއި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާއެވެ.

އަހަރުގެ ބަޖެޓުން ވެސް އެއް ދާއިރާއަކުން އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބަޖެޓުުން ދައްކަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަތަކާއި އެލަވަންސުތަކަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އިތުރުވުން އައީ، މުވައްޒަފުން އިތުރު ވުމުންނާއި ދައުލަތުގެ މުސާރަތައް އެއް ހަމަކުރަން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް ބޮޑުކުރުމުންނެވެ.

ނަމަވެސް ބަޖެޓްގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ މިންވަރު ބޮޑުކޮށްދިނުމަށް އެ މުއައްސަސާތަކުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެދިފައިވާ މައްސަލައިގައި، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ މުސާރައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ބޮޑުވަމުން ދިއުމަކީ ދައުލަތުގެ ފިސްކަލް ހާލަތު ހަމައަކަށް އަޅުވަން އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އޭނާ ވިދާޅުވީ ހަމައެކަނި މުސާރައަށް އަންނަ އަހަރުގެ ބަޖެޓުގައި 14.8 ބިލިއަން ރުފިޔާ ހޭދަ ކުރާއިރު، ޕެންޝަނަށް ދައްކަންޖެހޭ އަދަދާ އެކު އެ އަދަދު 17 ބިލިއަން ރުފިޔާއަށް އިތުރުވާ ކަމަށެވެ.

ސާއިދު ވިދާޅުވި ކަސްޓަމްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެހެން އިދާރާތަކުން ވެސް މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް ފާހަގަ ކުރާއިރު، އެ އިދާރާތަކުގެ މިހާރު ވެސް އެންމެ ބޮޑު ހަރަދެއް ދަނީ މުވައްޒަފުންނަށް ކަމަށެވެ. އަދި އެފަދަ މުއައްސަސާތަކުގައި އެހެން ގާނޫނީ ޒިންމާތައް އަދާކުރުމަށް ބަޖެޓު ކުޑަވަނީ ވެސް މުވައްޒަފުންނަށް ކަނޑައަޅަންޖެހޭ ބަޖެޓު އިތުރުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.