ސިއްހީ ނިޒާމުގެ ތެެރެއިން ރައްޔިތުންނަށް ދޭ އާސަންދައިގެ ހިދުމަތާއި ދައުލަތުން ދޭ އެނޫން އެހެން އިނާޔަތްތައް ތަނަވަސް މީހުންނަށް ދިނުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަމުން ސަލީމް ވިދާޅުވީ، އެ އިނާޔަތްތަަކަކީ ތަނަވަސް މީހުންނަށް ދޭން ޖެހޭ އިނާޔަތްތަކެއް ނޫން ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުންދޭ އެފަދަ އެެން އިނާޔަތްތައް ދޭން ޖެހޭނީ ނިކަމެތިންނަށް އެކަނި ކަމަށެވެ.
ދައުލަތުގެ ހަރަދު ބޮޑުވަމުންދާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ކިތައްމެ ތަނަވަސް މީހަކަށް ވެސް އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ލިބެމުންދާ ކަމަށެވެ. އަދި 65 އަހަރު ވުމުން ލިބޭ 5،000 ރުފިޔާ މަހުޖަނަކަށްވިޔަސް ލިބެމުންދާ ކަމަށެވެ.
"ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ، އެހެންވީމަ އަަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓުވަން،"
ތަނަވަސް މީހުންގެ އަތުން ޒަކާތް ނަގަން އޮންނަ ކަން ފާހަކަ ކުރައްވައި، އަނެއްކާ އެ އަލުން އަނބުރާ ދޭންވީ ވެސް ތަނަވަސް މީހުންނަށްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ސަދަގާތަކީ ފަގީރުންނަށާއި ނިކަމެތިންނަށް ދޭންޖެހޭ އެއްޗެއް ކަމަށާއި އެގޮތަށް އެ ބަދަލު ގެންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން މުއްސަނދިންގެ އަތުން މުދަލުގެ ޒަކާތް ނެގުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަަމަށާއި އެ ޒަކާތް ހަމައަށް ނަގާފައި ފަގީރުންނަށް ދޭ ނަމަ ފަގީރުން ނުތިބޭނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
"ރަނގަޅަށް ކަންތައް ކޮށްފި ކަމަށް ވަންޏާ އަޅުގަނޑުމެންގެ ތެރޭގައި ފަގީރުންނެއް ނުތިބޭނެ، މި ރާއްޖެއަކީ އެންމެ ހަތަރު ލައްކައެއްހާ މީހުން ތިބި ތަނެއް،"
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
ޜަގަނޅު ވާހަކައެއް
ޜރރރ - 7 މަސް ކުރިން