ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެެވެ.

އެމްޕީއެލުން ބުނީ އެއެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްގެންދިޔައީ އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.

އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު މުއީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލާއި އެމްއެންޔޫ ގުޅިގެން "މޮޑާން ޕޯޓް މެނޭޖްމަންޓް"ގެ ޑިގްރީ ކޯހެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރެޑިޝޭނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.

އެމްޕީއެލް ޕޯޓް ޓްރެއިނިން ސެންޓަރުން މިހާރުވެސް ދަނީ އެމްޕީއެލްގެ މުވައްޒަފުންނަށް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންނެވެ.

މީގެ އިތުުރުން މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެއެވެ.